ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއާއި ފައްޔާޒު މުޅިން ދެކޮޅެއް ނޫން، ދައުލަތަށް ފައިދާ ވަންޏާ ކުރިއަށް ދާންވީ!

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އެކޯ ސިޓީގެ މާސްޓާ ޕްލޭންގެ ކުރެހުމެއް ----- ފޮޓޯ: އީގަލް ހިލްސް
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އެކޯ ސިޓީގެ މާސްޓާ ޕްލޭންގެ ކުރެހުމެއް ----- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ މަޝްރޫއާ މުޅިން ދެކޮޅު ނޫން ކަމަށާއި، ދައުލަތަށް ފައިދާވާނެ ގޮތަކަށް ކަންކަން ބަދަލުކުރެވޭ ނަމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ތާއީދުކުރައްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ބުނެފިއެވެ.

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވަނީ، އީގަލް ހިލްސް ކުންފުނިން ހިންގާ މި މަޝްރޫއަށް މުޅިން ހުރަސްއެޅުމުގެ ބަދަލުގައި، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ދެ ޝަރުތެއް ހުށަހަޅާފައެވެ.

އެގޮތުން ފުރަތަމަ ޝަރުތަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރިން ތާއީދުކުރެއްވި "ހެންލީ އެންޑް ޕާޓްނާސް" ފަދަ ސްކީމެއްގެ ދަށުން، ރަސްމާލޭގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ރައްވެހިކަން (ސިޓިޒަންޝިޕް) ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

އަދި ދެވަނަ ޝަރުތެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ، އީގަލް ހިލްސްއަށް ރާއްޖޭގެ ބިންތައް ހިލޭ ދޫކޮށްލުމުގެ ބަދަލުގައި، ސަރުކާރާއެކު ޖޮއިންޓް ވެންޗާ ނުވަތަ ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުން ދައުލަތަށް މަންފާލިބޭ ގޮތަށް މަޝްރޫއު ބަދަލުކުރުމަށެވެ.

ފައްޔާޒް އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަށް ކުދި ބަދަލުތަކެއް ގެނައުމަށް އަލުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ދައުލަތަށް ފައިދާ ހުރި ގޮތަށް ގެންނަން ބޭނުންވާ މި ބަދަލުތަކަށް އެ ކުންފުނިން އެއްބަސްނުވެއްޖެ ނަމަ، އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު ދޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި އިންޓަވިއުއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ޚިޔާލުފާޅުކުރަމުންނެވެ. އެގޮތުން، މި ވާހަކަތަކަކީ ރައީސް ނަޝީދު ދެއްވާފައިވާ ޓޯކިންގް ޕޮއިންޓްތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު، ބައެއް ސުވާލުތަކުގައި "ޒަޔަނިސްޓް" ޖަމާޢަތްތަކާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުން ފައްޔާޒް ރެކިވަޑައިގެންފައިވާ ކަމަށް ބުނެ ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ