ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ޚާއްޞަކޮށްގެން އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް ޚާއްޞަކޮށްގެން އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖާ އެއްގޮތަށް ދަރިވަރުން ފިލާވަޅުތައް މުރާޖަޢާކުރުމަށް އެހީތެރިވެދޭ "ސިލަބައި ގޭމްސް" ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙުކޮށް، އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސިލަބައި އިން ތަޢާރަފުކުރި މި މުހިންމު ޕްލެޓްފޯމަކީ ޕްރީސްކޫލުން އަލްޓަނޭޓިވް ގްރޭޑްތަކުން ފެށިގެން ގްރޭޑް 12 އާ ހަމައަށް އުނގެނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ވަސީލަތެކެވެ.

މި ޕްލެޓްފޯމްގައި ހިމެނޭ 97 ގޭމުގެ ތެރެއިން ކޮންމެ ގޭމެއްވެސް ބިނާކޮށްފައިވަނީ ޤައުމީ މަންހަޖުގެ ފޮތްތަކުން އުފައްދާފައިވާ ސުވާލުތަކުގެ މައްޗަށެވެ. ދަރިވަރުން އެކުދިން ކިޔަވާ ގްރޭޑާއި މާއްދާތައް ޚިޔާރުކުރުމުން ގޭމްތަކުން ފެންނާނީ އެ މާއްދާތަކާ ގުޅޭ ސުވާލުތަކެވެ. އަދި ކޮންމެ ސުވާލެއްގެ ތިރީގައި އެ ސުވާލެއް ނަގާފައިވާ މާއްދާއާއި ގްރޭޑްގެ އިތުރުން ފޮތުގެ ސަފުހާ ނަންބަރު ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ދިވެހި، އިނގިރޭސި، ހިސާބު، ސައިންސް، އިސްލާމް، ޤުރުއާން، ސޯޝަލް ސްޓަޑީޒް، ބިޒްނަސް އަދި އިކޮނޮމިކްސް ފަދަ މައިގަނޑު ގިނަ މާއްދާތަކެއް ހިމެނެއެވެ.

ދިވެހި މާޙައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުވައިގެން ގިނަ ގޭމްތަކެއް ފަރުމާކޮށްފައިވާއިރު، "ރިސޯޓް ބޮސް"، "ބޮޑު ފިހާރަ"، "މަސްމާރުކޭޓު"، ސައިހޮޓާ ހިންގާ ގޭމް، "ރެސްކިއު ޑިސްޕެޗް" އަދި "ފެރީ ލިންކް" ފަދަ ގޭމްތައް ހިމެނެއެވެ. މީގެއިތުރުން ދިވެހި ތާރީޚާ ގުޅޭ "އުތުރު އުތުރު" އާއި "3 ނޮވެމްބަރު 1988" ގެ އިތުރުން ރަދީފުގެ އެހީގައި ކުޅެވޭ ދިވެހި ކްރޮސްވޯޑާއި ބަސް ހޯދުމުގެ ގޭމްތައްވެސް ހިމެނެއެވެ. ކުޑަކުދިންނަށް އަކުރު ދަސްކޮށްދޭ ގޭމްތަކާއި ދޮށީ އުމުރުގެ ކުދިންނަށް ޚާއްޞަ ޕަޒަލްތައްވެސް މީގެ ތެރޭގައިވެއެވެ.

ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ހަފުތާގެ، މަހުގެ އަދި ޤައުމީ ފެންވަރުގެ ލީޑަރބޯޑުތަކުގެ އިތުރުން ހޯދޭ 58 ބެޖެއް ހިމަނާފައިވެއެވެ. ބެލެނިވެރިންނަށް ކުދިންގެ ކުރިއެރުމާއި ހޭދަކުރާ ވަގުތު ބަލައިލެވޭނެ ޑޭޝްބޯޑެއް ހިމެނޭއިރު، އިޝްތިހާރު ނުހިމެނޭ ގޮތަށް އަދި ކުޅުންތެރިންގެ މެދުގައި ޗެޓް ނުކުރެވޭ ގޮތަށް ރައްކާތެރި މާޙައުލެއް ވަނީ ޤާއިމުކޮށްފައެވެ.

މި ޕްލެޓްފޯމް އޮކްޓޫބަރު 26 އިން ފެށިގެން ސިލަބައިގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ފޯނެއް، ޓެބްލެޓެއް ނުވަތަ ކޮމްޕިއުޓަރެއްގެ ބްރައުޒަރުން ކުޅެވޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަންތައްވެސް ނެރުމަށް ސިލަބައި ޓީމުން ވަނީ ނިންމާފައެވެ.