ރަސްމާލެ މަޝްރޫއާ ގުޅިގެން ސަލަފުން ނެރުނު ބަޔާނާއެކު އިލްމުވެރިންނަށް ބޮޑެތި އިންޒާރުތަކެއް
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއުގެ އެއްބަސްވުންތައް އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމަށް ގޮވާލައި ޖަމިއްޔަތުއް ސަލަފުން ބަޔާނެއް ނެރުމާ ގުޅިގެން، އެ ޖަމިއްޔާގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ މީސްމީޑިއާގައި ނަފްރަތު އުފެއްދުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އެ އިލްމުވެރިންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ އިންތިހާއަށް ހުތުރު ބަސްތައް ބޭނުންކޮށް، ޖިސްމާނީ އަނިޔާދިނުމަށާއި ރަށްރަށުން ނެރެލުމަށް ވެސް ގޮވާލަމުންނެވެ.
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން ސަލަފުން ނެރުނު ދިރާސީ ބަޔާނުގައި، ގައުމީ އާބާދީއަށް އަތުވެދާނެ ބަދަލުތަކާއި ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް އަށް ކަމެއް ކަށަވަރުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް އެ ބަޔާނަށް ފަހު ސޯޝަލް މީޑިއާގައި ހުޅުވާފައިވާ ބައެއް އެކައުންޓްތަކުން ވަނީ އިލްމުވެރިންގެ ތުނބުޅިތަކުގައި ރޯކޮށްލުމަށް ގޮވާލައި، އަބުރު ކެެއްސުމުގެ ގޮތުން ނަހަމަ ގޮތުގައި ފައިސާ ނަގާކަމުގެ ތުހުމަތުތައް ވެސް އަޅުވާފައެވެ.
Ads by BMLއިދިކޮޅު ބައެއް ފަރާތްތަކުން އެ ތަނުގައި ޔަހޫދީން ވަޒަންވެރިކުރުވާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި އެ ތަނުން ބިން ނުވަތަ ފްލެޓް ގަތުން އިސްރާއީލުގެ ރައްޔިތުންނަށް ގާނޫނީގޮތުން މަނާވާނެއެވެ.
އީގަލް ހިލްސް ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ދޫކުރެވެނީ 99 އަހަރުގެ މުއްދަތަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެ ތަންތަން އަނބުރާ ދިވެހި ދައުލަތަށް ލިބޭނެ ގޮތަށް އުސޫލުތައް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by MACL
