ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑަބްލިޔޫއެސްސީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ "ސްޓާފް އެވޯޑް ނައިޓް" އިޙްތިފާލްގެ ތެރެއިން ---
އެމްޑަބްލިޔޫއެސްސީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ "ސްޓާފް އެވޯޑް ނައިޓް" އިޙްތިފާލްގެ ތެރެއިން ---

މާލެ ވަޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) ގެ އެންމެ ބޮޑު ރައުސުލްމާލަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށާއި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ކުންފުނީގެ ޓީމުން ކުރަނީ ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކަމަށް އެމްޑަބްލިޔޫއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޙުސައިން ފަހުމީ މިހެން ވިދާޅުވީ އެމްޑަބްލިޔޫއެސްސީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ "ސްޓާފް އެވޯޑް ނައިޓް" އިޙްތިފާލާ ގުޅުވައިގެން ހިއްސާކުރެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިޔޫއެސްސީގެ ޓީމުން މަސައްކަތް ކުރަމުންދަނީ މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ފެނާއި ނަރުދާމާގެ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ.

މި ރޭއަކީ އެމްޑަބްލިޔޫއެސްސީގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ރޭކަން ފާހަގަކުރައްވައި، އެމްޑަބްލިޔޫއެސްސީ އާއިލާގެ ކޮންމެ މުވައްޒަފަކު ކުރަމުންދާ މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޙުސައިން ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޑަބްލިޔޫއެސްސީން ކޮންމެ އަހަރަކުވެސް ބާއްވާ ސްޓާފް އެވޯޑް ނައިޓަކީ ކުންފުނީގެ ކުރިއެރުމަށާއި ޚިދުމަތްތައް ހަރުދަނާކުރުމަށް މުވައްޒަފުން ކުރާ އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކޮށް، ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުމަށް ބާއްވާ ޙަފްލާއެކެވެ.