ތިލަމާލެ ބުރިޖު: ވިލިމާލެއިން ގުޅިފަޅަށް ގުޅާލައިފި
ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢު، "ތިލަމާލެ ބުރިޖު" ގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ބުރިޖުގެ އޮނިގަނޑުން އެއްކޮށް ގުޅާލައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގައި އަނެއްކާވެސް ޚާއްސަ ލަނޑުދަނޑިއެއް މިވަނީ ހާސިލްކުރެވިފައެވެ. އެގޮތުން ބުރިޖުގެ ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ އެންމެ ފަހު ސިގްމަންޓުގެ މަސައްކަތް ނިންމައި، މިހާރު ދެ ރަށް ވަނީ ފިޒިކަލްކޮށް ގުޅާލެވިފައެވެ. މި ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ އެ ވުޒާރާގެ ޓީމަށާއި މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިންޑިއާ ސަރުކާރުން މި މަޝްރޫޢު ކާމިޔާބުކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެ ޤައުމުގެ ސަރުކާރަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ތިލަމާލެ ބުރިޖުގެ މުޅި މަޝްރޫޢުގެ 80 އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރު ނިމިފައިވާއިރު، ސައިޓުގައި މިހާރު އެންމެ ބޮޑަށް ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ބޮޑުބައެއް ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައި ކާސްޓްކޮށް މިހާރު ވަނީ ނިންމާފައެވެ.
Ads by BMLވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖުގެ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބައެކެވެ. މާލެއިން ވިލިމާލެއަށް ގުޅާލާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމާލާފައިވާއިރު، ގުޅިފަޅުން ތިލަފުއްޓަށް ބުރިޖު ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ. އެ ސަރަހައްދުން ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބިޔަ މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. ސަރުކާރުގެ ޢަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ

Ads by MACL
