ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަދީބުއާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފް އެއްބަސްވުން އުވާލައިފި

އަދީބުއާއި ދައުލަތާއި ދެމެދު ވެފައިވާ އިއުތިރާފް އެއްބަސްވުން އުވާލައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކުގައި ހެދި އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން އަދީބާއި އިތުރު ތިން މީހަކާ އެކީގައި އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ އައްބާސް ޝަރީފް މިއަދު ނިންމަވާފައިވާ ކަމަށެވެ. އެއީ:

1. ހ. ސާމަރާ، އަހްމަދު އަދީބު އަބްދުލްޣަފޫރު
2. މ. ލޭންޑް އޮފް ގާޑެން، އަހްމަދު އިޝްފާހް އަލީ
3. މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް
4. ގ. އޮއިވާލި، މުހައްމަދު ހުސައިން


މީގެއިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ވި އެއްބަސްވުން އޮގަސްޓް 2022 ގެ ތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ.


ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ ނިންމަވާފައިވަނީ އެއްބަސްވުންތައް އެކުލަވާލީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް އަދީބާއި ދެން ތިބި މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތަހުގީގު އިދާރާތަކުން އަންގާފައިވާތީއެވެ.


މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާނެ ކަމަށް ޕީޖީން ވިދާޅުވިއެވެ.


އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވެ، 20 އަހަރަށް ޖަލަށްލާން މީގެކުރިން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމާއެކުގައި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް އަދީބުގެ މައްޗަށް ކުރިއެވެ.


އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ އަދަބު ލުއިކޮށްދީ، އޭނާ މިނިވަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ސޯލިހަށް އަމާޒުވިއެވެ.

އަދީބު މިނިވަން ކުރީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް އޮންނަ އިހްތިޔާރުގެ ދަށުންނެވެ. އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރީ 2020 ވަނަ އަހަރެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.