ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިރިއުޅުމުގެ އަގުތައް އުފުލުމުން އިޓަލީގެ 40 ސިޓީއެއްގައި މުޒާހަރާކުރަނީ

ދިރިއުޅުމުގެ އަގުތައް އުފުލުމުން އިޓަލީގެ 40 ސިޓީއެއްގައި މުޒާހަރާކުރަނީ

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ސަރުކާރުން އަސްކަރިއްޔާއަށް ކުރާ ހޭދަ އިތުރުކުރާތީ އެކަމާ ދެކޮޅަށް އިޓަލީވިލާތުގެ 40 އަށްވުރެ ގިނަ ސިޓީގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

އިޓަލީގެ މަޝްހޫރު ޓްރޭޑް ޔޫނިއަނެއް ކަމަށްވާ "ޔޫނިއޯނޭ ސިންޑަކާލޭ ޑި ބާސޭ" އިން އިސްނަގައިގެން 24 ގަޑިއިރަށް އިއުލާނުކުރި އާންމު ހަޅުތާލުގެ ތެރެއިން ކުރިއަށްދާ މި އިހުތިޖާޖުތަކުގައި މައިގަނޑު ގޮތެއްގައި ބައިވެރިވަނީ މަސައްކަތްތެރިންނާއި ދަރިވަރުންނެވެ. އެމީހުން ގޮވާލަމުންދަނީ އެކަށީގެންވާ މުސާރައެއް ދިނުމަށާއި، އާންމު ޚިދުމަތްތަކަށް ކުރާ ހޭދަ އިތުރުކޮށް، ހަނގުރާމަތަކަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށެވެ.

ވެރިރަށް ރޯމްގައި ތާރީޚީ ކޮލޮސިއަމް ކައިރިން އެތައް ހާސް ބަޔަކު ހިނގާލުމެއް ބޭއްވިއިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ މަގުތަކުގައި ހުރި ކުނިވަށިގަނޑުތަކުގައި ރޯކޮށްފައެވެ. އަދި އިރުއޮއްސުނު ވަގުތު ގާނޫނުހަދާ މަޖިލީހާ ދިމާއަށް މިސްރާބުޖެހި ގްރޫޕެއް ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ ވޯޓާ ކެނަން ބޭނުންކޮށް، ސަލާމަތީ ބެރިކޭޑުތައް ފަޅާލަން މަސައްކަތްކުރި އަށް މީހަކު ހައްޔަރުކޮށްފައެވެ.

ޓިއުރިން ސިޓީގައި ޕްރެފެކްޗާ އިމާރާތުގެ ބެރިކޭޑުތަކާ ކައިރިވި ދަރިވަރުންނާއި އެކްޓިވިސްޓުން ފަހަތަށް ޖެއްސުމަށް ފުލުހުން ވޯޓާ ކެނަން ބޭނުންކުރިއިރު، މިލާންގައި މުޒާހަރާގެ ބައިވެރިން ވަނީ ރިންގް ރޯޑަށް ނުކުމެ 'ޕޮލިޓެކްނިކޯ ޑި މިލާނޯ' ޔުނިވާސިޓީ ކުރިމައްޗަށް އެއްވެ އަލިފާން ބޯޅަތައް އުކައި އަޑުއުފުލާފައެވެ.

މީގެ އިތުރުން، އިޓަލީގެ ބަނދަރު ސިޓީއެއް ކަމަށްވާ ޖެނޯއާގައި 15،000 އަށްވުރެ ގިނަ ބަނދަރުގެ މަސައްކަތްތެރިންނާއި ދަރިވަރުން ވަނީ ބަނދަރަށް ވަދެ އިހުތިޖާޖުކޮށްފައެވެ. އެމީހުން ވަނީ ހަނގުރާމަތަކަށް ހަތިޔާރު އުފުލުމަށް ވިޔަފާރި ބަނދަރުތައް ބޭނުންކުރުމާ ދެކޮޅަށް އަޑުއުފުލައި، ކަނޑުދަތުރުފަތުރުކުރާ އާންމު ފަޅުވެރިންގެ ސަލާމަތަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ގޮވާލާފައެވެ.

އިގްތިސާދީ ދަތިތަކާއި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން މުޅި ވިލާތުގެ އެކި ގައުމުތަކުގައި އިހުތިޖާޖުތައް ވަނީ ވަރުގަދަވެފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި، ސްޕެއިން، ބެލްޖިއަމް އަދި އަލްބޭނިއާ ފަދަ ގައުމުތައް ހިމެނެއެވެ.