ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއަކީ 2028 ގެ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބުވާނެ ސަބަބު، އިދިކޮޅުން ބިރުގަންނަނީ އެހެންވެ: މަހްލޫފް

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އެކޯ ސިޓީގެ މާސްޓާ ޕްލޭންގެ ކުރެހުމެއް ----- ފޮޓޯ: އީގަލް ހިލްސް
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އެކޯ ސިޓީގެ މާސްޓާ ޕްލޭންގެ ކުރެހުމެއް ----- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމަށް މަގުފަހިވާނެ އެންމެ ބޮޑު ސަބަބު ކަމަށާއި، އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ އެހެންވެގެން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު އެއީ ބޭކާރު ވެލިގަނޑެއް ކަމަށާއި ދިރިއުޅެން ދާނެ ބަޔަކު ނުވާނެ ކަމަށް ބުނެ ފާޑުކީ ނަމަވެސް، މިއަދު އެ ފަރާތްތަކުގެ ރާގު ބަދަލުވެފައިވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ލީޑަރުންގެ ހަމައެކަނި ބޭނުމަކީ މި މަޝްރޫއަށް ހުރަސްއެޅުން ކަމަށް ފާހަގަކުރައްވައި، ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅުވައިގެން ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މަހްލޫފް ވިދާޅުވީ، ރަސްމާލޭގައި އިޒްރޭލުގެ ޔަހޫދީންނަށް އެއްވެސް ބިމެއް ނުގަނެވޭނެ ކަމަށާއި، ވިޔަފާރިވެސް ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހެދުން ފަދަ ކަންކަން ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މަހްލޫފް ވިދާޅުވި ގޮތުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މުސްލިމް ގައުމެއްގެ ގާބިލު މުސްލިމް ވިޔަފާރިވެރިޔަކާއެވެ. އަދި ބިން ދޫކުރަނީ ކުއްޔަށް ކަމަށްވުމުން، އެއީ ދައުލަތުގެ މިލްކެއްގެ ގޮތުގައި އޮވެ، އެތަނުގައި ހިނގާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދު ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ އިގްތިސާދީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން މަހްލޫފް ހާމަކުރެއްވި ގޮތުގައި، މިއީ 12 ބިލިއަނާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބިޔަ އިންވެސްޓްމަންޓެކެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް 50,000 އެއްހާ ވަޒީފާގެ ފުރުސަތު އުފެދި، 5,000 ފްލެޓު ލިބިގެންދާނެއެވެ. އަދި ދިވެހި ކުންފުނިތަކަށް ބިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން މަސައްކަތް ލިބި، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

މީގެއިތުރުން، މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެ، ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. ޑޮލަރުގެ ރޭޓު ހަމައަކަށް އެޅުމުން ތަކެތީގެ އަގު ހެޔޮވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަދި އީމާރް ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރްއާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލެއާ 20 މިނެޓުގެ ދުރުމިނުގައި އޮންނަ ފުށިދިއްގަރު ފަޅުން 500 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގާ، ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާނެ ފަދަ އިގްތިސާދީ ބޮޑު މަޝްރޫއެކެވެ.