ސޯލާ 250 މެގަވޮޓްގެ މަޝްރޫއާއެކު ތެލުގެ ޚަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އަންނަ އަހަރު ޖުމުލަ 250 މެގަވޮޓްގެ ސޯލާ ހަކަތައިގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށެވެ. އެހެންކަމުން ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުނުވެ ތިބުމަކީ މިހާރު ފަރުޖައްސާލެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި އަންނަ އަހަރު "މޯލްޑިވްސް ސޯލާ ޑިވެލޮޕްމަންޓް އެންޑް އެނާޖީ ސްޓޯރޭޖް ސޮލިއުޝަންސް ޕްރޮޖެކްޓް" ފެށުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLޕަވަރ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) ގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 250 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ އިތުރުން، ހަކަތަ ރައްކާކުރާނެ ޒަމާނީ ނިޒާމުތައް ރާއްޖޭގައި ގާއިމުކުރެވޭނެއެވެ.
މި ބޮޑު މަޝްރޫއުގެ ސަބަބުން ރާއްޖެއިން އަހަރެއްގެ މައްޗަށް ބޭނުންކުރާ ތެލުގެ ތެރެއިން 100 މިލިއަނަށްވުރެ ގިނަ ލީޓަރު މަދުކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
Ads by MACL
