ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގައި ސަރުކާރުން އިސްކުރައްވަނީ "ފުރަތަމަ ރާއްޖެ" ސިޔާސަތު: ރައީސް ޑރ. މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި ސަލާމްކުރައްވަނީ ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައި ސަލާމްކުރައްވަނީ ---- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ "ފުރަތަމަ ރާއްޖެ" (މޯލްޑިވްސް ފަސްޓް) ސިޔާސަތު ކަމަށާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސްކަމެއް ދެއްވަނީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަންޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވަކި ޤައުމަކަށް ބުރަވެ، ރާއްޖޭގެ ކޮންޓްރޯލް އެހެން ފަރާތްތަކަށް ދޫކޮށްލާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ވަކި ޤައުމެއްގެ ނުފޫޒުގެ ދަށުގައި އޮންނާނެ ތަނެއް ނޫންކަން ފާހަގަކުރައްވައި، އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގެ މައްޗަށް އެހެން އެއްވެސް ޤައުމެއްގެ ކޮންޓްރޯލް ނޯންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ވަކި ޤައުމެއްގެ ޕަޕެޓަކަށް ވާގޮތަށް އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެ ސިޔާސަތު މަޑުމަޑުން މިދިޔަ ތިން އަހަރު އަޅުގަނޑުމެން މިއޮތީ ފަސްލާ ވަޅުލައި ނިންމާފައި،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ޒަމާންވީ ގުޅުންތައް އިޤްތިޞާދީ ގޮތުން މަންފާކުރަނިވި ގުޅުންތަކަކަށް ބަދަލުކުރުމެވެ.

މިގޮތުން، ދާދިފަހުން ރައީސް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ވިޔަފާރީގެ ގުޅުން 200 މިލިޔަން ޑޮލަރަށް އިތުރުކުރުމަށް ނިންމަވައި، އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ އިތުރުން، މިއަހަރު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ތަޢުލީމީ، ޞިއްޙީ އަދި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ވަނީ ޤާއިމުކުރެވިފައެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ ސަރަހައްދީ ސުލްޙައަށް ބުރު ނާރާނެ ގޮތަކަށް، ވަކި އަތަކަށް ނުޖެހޭ ހަމަހަމަ އުސޫލަކުން ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައްޔާއި، ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ