ނޮވެމްބަރު ފަހުކޮޅު ތިލަފުށިން ކޮންޓެއިނަރު ދޫކުރަން ފެށޭނެ: ސީއީއޯ
ތިލަފުށީގައި ވެއަރހައުސް (ގުދަން) ހުރި ވިޔަފާރިތަކަށް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ތިލަފުށި ޕޯޓުން ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ތިލަފުށި ޕޯޓުން މިހާރު ދެމުންދާ ޚިދުމަތްތަކަށްފަހު ދެން އެންމެ އަވަހަށް ފެށިގެންދާނީ ތިލަފުށީގައި ގުދަންތައް ހަދާފައިވާ ވިޔަފާރިވެރިންނަށް އެ ރަށުން ކޮންޓެއިނަރު ކަނޑައިގެން މުދާ ކްލިއަރ ކުރުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ. އަދި އޭގެ ފަހުން މާ ދުރުނޫން މުސްތަޤްބަލެއްގައި އެލްސީއެލް ކާގޯ ނުވަތަ ވަކިވަކި މުދާ ދޫކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ފެށިގެންދާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢު ސަރުކާރުން ދަނީ ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ. 1986 ވަނަ އަހަރު ޚިދުމަތް ދޭން ފެށި މާލޭ ބަނދަރުން 2015 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުންދަނީ އޭގެ ކެޕޭސިޓީއަށްވުރެ ތިން ގުނަ އިތުރަށެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ތިލަފުށީގައި ގާއިމުކުރާ އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް ހަތަރު ގުނަ ފުޅާވެގެންދާނެއެވެ.
Ads by BMLމި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ތިލަފުށި ޕޯޓުން މިވަގުތު ދެމުންދަނީ މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް އަރުވައިގެން ގެންދިއުމުގެ ޚިދުމަތާއި ހުސް ކޮންޓެއިނަރު އަންލޯޑްކުރުމުގެ ޚިދުމަތެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތިލަފުށީ ބަނދަރުގެ މަސައްކަތްތައް އެއްކޮށް ނިންމައި ބަނދަރު ފުރިހަމައަށް އޮޕަރޭޝަނަށް ގެނައުމެވެ. މި ބަދަލާއެކު މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގުތައް ހެޔޮވުމަށް މަގުފަހިވެގެންދާނެއެވެ.
Ads by MACL
