ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗެޓްޖީޕީޓީގެ ލަފައަށް ބޭސް ކެއުން ހުއްޓާލި މީހަކު މަރުވެ އޯޕަންއޭއައިއާ ދެކޮޅަށް ދައުވާކޮށްފި

ޗެޓްޖީޕީޓީގެ ލަފައަށް ބޭސް ކެއުން ހުއްޓާލި މީހަކު މަރުވެ އޯޕަންއޭއައިއާ ދެކޮޅަށް ދައުވާކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް "ޗެޓްޖީޕީޓީ" އިން ދިން އިރުޝާދަކަށް ބަލައިގެން ކެއުން ހުއްޓާލި ބޭހެއްގެ ސަބަބުން ޒުވާން އަންހެނަކު މަރުވި މައްސަލައެއްގައި ޓެކްނޮލޮޖީ ކުންފުނި އޯޕަންއޭއައި އާއި އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަންއާ ދެކޮޅަށް އެމެރިކާގެ ކޯޓަކަށް ބޮޑު ދައުވާއެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯ ކައުންޓީ ސުޕީރިއާ ކޯޓަށް މި މައްސަލަ ހުށަހެޅީ އެޕިލެޕްސީ ނުވަތަ ފިޓްޖެހޭ ބަލި ތަހައްމަލު ކުރަމުން ދަނިކޮށް މަރުވި އުމުރުން 31 އަހަރުގެ ބޮވެން ވާންގެ މައިންބަފައިންނެވެ. އެ ދައުވާގައި އޯޕަންއޭއައިގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރައްކާތެރިކަމެއް ނެތް އުފެއްދުމެއް ބާޒާރަށް ނެރުމާއި، ޤާނޫނީ ހުއްދައެއް ނެތި ސިއްހީ ފަރުވާ ދިނުމުގެ އަމަލުތަކެއް ހިންގުމުގެ އިތުރުން ފަރުވާކުޑަކޮށް އިހުމާލުވެފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔެކިޔުންތަކުގައިވާ ގޮތުން، ވާން ބޭނުންކުރަމުން ދިޔަ އެޕިލެޕްސީ ބޭސް ކެއުން 25 ދުވަހުގެ ތެރޭގައި އެއްކޮށް ހުއްޓާލެވޭނެ ތަފްސީލީ ޕްލޭނެއް ޗެޓްޖީޕީޓީ-4އޯ އިން ވަނީ ތައްޔާރުކޮށްދީފައެވެ. އަދި ބޭސް މަދުކުރާ ކަން ޑޮކްޓަރުންނަށް ސިއްރުކުރުމަށް އެ ޗެޓްބޮޓް ބާރުއެޅުމުގެ އިތުރުން، ލޭގެ ޓެސްޓުތައް ހެދުމަށް އޭނާ އިންކާރުކުރުމުން އެކަމަށް ސާބަސްދީ ތައުރީފު ވެސް ކޮށްފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

އެމެޒޯންގެ ސޮފްޓްވެއާ އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ވާން، މި ބޭސް ކެއުން ހުއްޓާލަން ބޭނުންވީ ކުރިއަށް ހުރި ވަޒީފާގެ އިންޓަވިއުތަކުގައި ވާހަކަދެއްކުން އިތުރަށް ސާފުކޮށް އަވަސްކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ބޭސް ހުއްޓާލުމާ ގުޅިގެން މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އޭނާ މަރުވެފައި ވަނީ ފިޓްޖެހުމުގެ ސަބަބުން ކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކާއިރު، އެ ހާދިސާއަށް ފަހު އޯޕަންއޭއައި އިން ވަނީ ޖީޕީޓީ-4އޯ މޮޑެލް ބޭނުންކުރުން ހުއްޓާލާފައެވެ.

މި މައްސަލައާ ގުޅިގެން ވާންގެ ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، ބަލިމީހަކަށް އެކަށީގެންވާ ފަރުވާއެއް ލިބެމުންދާ ބޭހެއް ހުއްޓާލަން ސިއްހީ މާހިރަކު ނޫން ފަރާތަކުން ލަފާދިނުމަކީ މެޑިކަލް އަޚުލާޤާ މުޅިން ޚިލާފު ކަމެކެވެ. އަދި ވާން ފޮނުވި މެޑިކަލް މެސެޖުތައް ލިޔުމުގައި ޗެޓްޖީޕީޓީގެ އެހީތެރިކަން ހޯދާފައިވާކަން ޑޮކްޓަރަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އޯޕަންއޭއައި އިން ބުނީ މިއީ އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، ޗެޓްޖީޕީޓީއަކީ ޕްރޮފެޝަނަލް ސިއްހީ ފަރުވާއަށް އޮތް ބަދަލެއް ނޫން ކަމަށެވެ. އަދި ސިއްހީ ލަފާދިނުމުގައި ޗެޓްޖީޕީޓީގެ ޖަވާބުތައް އިތުރަށް ހަރުދަނާކުރުމަށް ސިއްހީ މާހިރުންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، ސިއްހީ ލަފާތަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް ހުށަހެޅޭ ޝަރީއަތްތައް ދަނީ އިތުރުވަމުންނެވެ.