އެބޯލާގެ ނުރައްކަލާ ގުޅިގެން ސައުދީން ކެންޔާއަށް ދަތުރުކުރުން މަނާކޮށްފި
އެބޯލާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ސައުދީ އަރަބިއްޔާގެ ރައްޔިތުން ކެންޔާއަށް ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލައި، އެ ގައުމުން އަންނަ ފަރާތްތަކަށް ވިސާ ދޫކުރުމާއި އެތެރެވުން ސައުދީ ސަރުކާރުން މަނާކޮށްފިއެވެ. މިކަން ސައުދީ ޕްރެސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.
ސައުދީގެ ސިއްހީ އިދާރާތަކުން ބަލި ފެތުރޭ މިންވަރު ދިރާސާކުރުމަށްފަހު އެޅި މި ފިޔަވަޅުތަކުގެ ދަށުން، ސައުދީއަށް ދަތުރުކުރުމުގެ 21 ދުވަސް ކުރިން ކެންޔާ ނުވަތަ އެބޯލާ ފެތުރިފައިވާ އެހެން ގައުމެއްގައި މަޑުކޮށްފައިވާ މީހުން، އެހެން ގައުމެއް މެދުވެރިކޮށް އައި ނަމަވެސް އެ ގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކަކީ ޖުލައި 2019 ގައި ތައާރަފުކޮށް، މެއި 2026 ގައި އިތުރަށް ވަރުގަދަކުރި ރައްކާތެރިކަމުގެ އުސޫލުތަކުގެ ދަށުން، ބަލީގެ ނުރައްކާ އޮތް ގައުމުތަކަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ އާންމު ސިއްހަތަށް އޮތް ނުރައްކާތައް މެދުނުކެނޑި ވަޒަންކުރުމަށްފަހު، ރައްޔިތުންނާއި، ގައުމުގައި ދިރިއުޅޭ ބިދޭސީން އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެތެރޭގެ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އިސްނަގައިގެން އަޅަމުންދާ ފިޔަވަޅުތަކެކެވެ.
Ads by BMLމީގެ ކުރިން، ޖޫން 2026 ގައި ވެސް ސައުދީން ވަނީ އެބޯލާގެ ނުރައްކަލާ ގުޅިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޔުގެންޑާ އަދި ސައުތު ސޫދާނަށް ރައްޔިތުން ދަތުރުކުރުން މަނާކޮށް، އެ ގައުމުތަކުން މީހުން އެތެރެވުން ހުއްޓުވާފައެވެ. އަދި ބަލި ފެތުރޭ ސަރަހައްދުތަކާ އިންވެގެންވާ ގައުމުތަކުން އަންނަ ފަސިންޖަރުން ސްކްރީން ކުރުމާއި، ބަލީގެ މައުލޫމާތު އެއްކުރުމުގެ އިތުރުން އަވަސް އިޖާބަ ދިނުމުގެ ނިޒާމުތައް ވެސް އެ ގައުމުން ވަނީ ހަރުދަނާކޮށްފައެވެ.
ސައުދީ ޕަބްލިކް ހެލްތު އޮތޯރިޓީ (ވެގާޔާ) އިން ވިދާޅުވި ގޮތުގައި، ރަސްކަމުގެ ތެރޭގައި ސިއްހީ ހާލަތު މިހާރު އޮތީ ބަލަހައްޓައި ކޮންޓްރޯލް ކުރެވިފައެވެ. އަދި އެ އިދާރާއިން އެތެރޭގެ އަދި ބޭރުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރެމުންދާ މިންވަރު މެދުނުކެނޑި ބަލަމުންދާ ކަމަށާއި، ބަލިމަޑުކަމުގެ ހާލަތަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވަގުތުން އަޅަމުން ގެންދާނެ ކަމަށް ވެސް ވެގާޔާ އިން ހާމަކުރެއެވެ.
Ads by MACL
