ކަސްޓަމްސްގެ މާލީ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ނިންމައިފި
ދައުލަތުގެ އާމްދަނީއާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް، ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މަތިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް މާލީ ކަންކަމާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މި ބަޖެޓުން ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކުރެވެނީ 52.6 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގޫގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނެނީ 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނެއެވެ.
ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން، 2027 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެއިތުރުން މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންދާނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
Ads by BMLއާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް
އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް ޓެކުހެއް ބޮޑުނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި، ޓެކްސް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ނިޒާމުގައި ހުރި ބާގަނޑުތައް ބައްދައި، ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން އަޅާ ބައެއް މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
• މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް:
މި އަހަރު ތައާރަފުކުރެވުނު މި ސިސްޓަމްގެ ދައުރު އިތުރަށް ފުޅާކުރުން.
• އީ-އިންވޮއިސިން ނިޒާމު:
ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޒަމާނީ ނިޒާމެއް ގާއިމުކުރުން. މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ފައިސާ ފުރިހަމައަށް ލިބިގެންދާނެއެވެ.
މާލީ ވުޒާރާގެ ދަށަށް ބަދަލުކުރެވޭ ކަސްޓަމްސްގެ ޒިންމާތައް
ކަސްޓަމްސްގެ މާލީ މަސްއޫލިއްޔަތުތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށާއި، ޓެކްސް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މިގޮތުން ބަދަލުކުރެވޭ މާލީ ޒިންމާތަކަކީ:
• ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލުން ނަގަންޖެހޭ އިމްޕޯޓް/އެކްސްޕޯޓް ޑިއުޓީއާއި އެހެނިހެން އިދާރީ ފީތައް ހިސާބުކޮށް ބަލައިގަތުން.
• ލަގްޒަރީ މުދަލާއި ސިއްހަތަށް ގެއްލުންދޭ ތަކެތި ކަމަށްވާ ދުންފަތުގެ ބާވަތްތަކުން ނަގާ ޚާއްޞަ ޑިއުޓީތައް ބެލެހެއްޓުން.
• މުދަލުގެ އަގު ދަށްކޮށް ހުށަހަޅުމާއި، ޑިއުޓީ ދެއްކުމުން ރެކެން މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން.
ކަސްޓަމްސްގެ މާލީ މެންޑޭޓް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ނިންމާފައި މިވަނީ، އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި މައްސަލަ ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ އަދަދު 461 މިލިއަން ރުފިޔާއަށް އަރައެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 435.8 މިލިއަން ރުފިޔާއެވެ. މާލީ ވުޒާރާގެ އަމާޒަކީ މި ބަދަލުތަކާއެކު، ދައުލަތަށް ލިބެންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް އަދި ނިޒާމީ ގޮތެއްގައި ހޯދޭނެ އިންތިޒާމުތައް ވަރުގަދަކުރުމެވެ.
Ads by MACL
