ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރަށް އަރައި، ބޭނުންކުރެވޭ ރިޒާވްގައި 169 މިލިއަން ޑޮލަރު

ރަސްމީ ރިޒާވް 547 މިލިއަން ޑޮލަރަށް އަރައި، ބޭނުންކުރެވޭ ރިޒާވްގައި 169 މިލިއަން ޑޮލަރު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އެންމެ ފަހުގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގެ މިންވަރު ވަނީ 547.8 މިލިއަން ޑޮލަރަށް އަރައިފައެވެ.

އަދި ދައުލަތުގެ ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން، އާންމު ބޭނުންތަކަށް ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ރިޒާވްގެ އަދަދަކީ 169.8 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ އިޤްތިޞާދީ މައުލޫމާތުތަކަށް ބަލާއިރު، ރަސްމީ ރިޒާވް އެސެޓްގެ ތެރެއިން 174.2 މިލިއަން ޑޮލަރު ރައްކާކުރެވިފައިވަނީ ބޭރުގެ ސެކިއުރިޓީޒްގެ ގޮތުގައެވެ. މީގެ އިތުރުން ފައިސާއާއި ޑިޕޮސިޓްގެ ގޮތުގައި ހުރި 358.3 މިލިއަން ޑޮލަރުގެ ތެރެއިން 305.5 މިލިއަން ޑޮލަރު ބޭރުގެ ބޭންކުތަކުގައި ބަހައްޓާފައިވާއިރު، އެހެން ގައުމުތަކުގެ މަރުކަޒީ ބޭންކުތަކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގައި 52.9 މިލިއަން ޑޮލަރު ވަނީ ރައްކާކޮށްފައެވެ. އަދި މި އަހަރުގެ މާޗު މަހުން ފެށިގެން ރިޒާވްގައި ރަން ރައްކާކުރަން ފެށިފަހުން، ސެޕްޓެމްބަރުގެ ނިޔަލަށް 8.4 މިލިއަން ޑޮލަރުގެ ރަން ވަނީ ރިޒާވްގައި ހިމަނައިފައެވެ.

ރަސްމީ ރިޒާވް އެސެޓްގެ އިތުރުން އެހެނިހެން ބޭރު ފައިސާގެ އެސެޓްގެ ގޮތުގައި ހުރި 149 މިލިއަން ޑޮލަރާއެކު، ރިޒާވްގެ ގޮތުގައި ބޭނުންކުރެވޭހެން ހުރި ޖުމްލަ ފައިސާގެ އަދަދު 696.8 މިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދައުލަތުން އަދާކުރަންޖެހޭ ބޭރުގެ މާލީ އިލްތިޒާމުތަކަށް 527 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭތީ، އެ ބައި އުނިކުރުމުން ބޭނުންކުރެވޭ ސާފު ރިޒާވްގެ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ބާކީ ހުރީ 169.8 މިލިއަން ޑޮލަރެވެ.

މި އަހަރުގެ މާޗު މަހު ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ބޭރުގެ ދަރަނި ދައްކަންޖެހުމާއި، މެދުއިރުމަތީގެ މަޝްރަޙަށް އައި ބަދަލުތަކާއެކު އިމްޕޯޓް ޚަރަދުތައް އިތުރުވުމުގެ ސަބަބުން ރިޒާވަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

މި ފިއްތުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައެވެ. މިގޮތަށް މާރުކުރާ ފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކުމުން، އެ ފައިސާގެ ބޮޑު ބައެއް ރިޒާވް ވަރުގަދަކުރުމަށް ވަނީ ބޭނުންކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ރިޒާވްގެ ހާލަތު ރަނގަޅުވަމުން އައުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަށް ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ނިންމި އެންމެ މުހިންމު އެއް ސަބަބެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނެއް ތަޢާރަފުކޮށް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާލީ ނިޒާމަށް ޑޮލަރު މާރުކުރުން ލާޒިމުކުރަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ އަދި އެތެރޭގެ މާލީ އިދާރާތަކުންވެސް ވަނީ މަރުޙަބާ ކިޔައިފައެވެ.