މާލޭ އުތުރު ބަނދަރުގެ ފިންގާ ޖެޓީ މަޝްރޫއުގެ ކޮންކްރީޓް މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފި
މާލޭ އުތުރު ބަނދަރުގައި ފިންގާ ޖެޓީ ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަރުހަލާ ކަމަށްވާ ޖެޓީތަކުގެ ކޮންކްރީޓް ހެދުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިމިފައިވާއިރު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީގެ ޑެކްގައި ލަކުޑި ފިލާ ހަރުކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން، އޮޑިދޯނިފަހަރު ކަނޑާލުމަށް ބޭނުންކުރާ މޫރިން ބޮލާޑްސް ހަރުކުރުމާއި، ޖެޓީ ސަރަހައްދު ދިއްލުމަށް ބޭނުންވާ ބައްތިތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް މަރުހަލާގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލޭ އުތުރު ބަނދަރަކީ ގިނަ އަދަދެއްގެ އޮޑިދޯނިފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ކައިރިކުރާ މުހިންމު ސަރަހައްދަކަށް ވުމާއެކު، މި ފިންގާ ޖެޓީތަކުގެ ސަބަބުން ބަނދަރުގެ ޖާގަ އިތުރުވެ، ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ބޯޓުފަހަރަށް މުދާ ބޭލުމާއި އެރުވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
Ads by BMLއެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަލުވި މިނެއްގައި ހިންގަމުންނެވެ.
Ads by MACL
