ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ 'ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ' ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި

ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ 'ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ' ގެ ދެވަނަ ފިޔަވަހި / ފޮޓޯ: ބީއެމްއެލް
ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ 'ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ' ގެ ދެވަނަ ފިޔަވަހި / ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ޒުވާނުންގެ ވިޔަފާރި ޚިޔާލުތައް ޙަޤީޤަތަކަށް ބަދަލުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތަޢާރަފުކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ފެސިލިޓީއަކީ ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ފަރުމާކޮށްފައިވާ ލޯނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ޒުވާނަކަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު %7 ގެ ފައިދާ ރޭޓެއް ކަނޑައަޅާފައިވާ މި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތާއި ވިޔަފާރި ހިންގުމުގެ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމަށް ތައްޔާރުކޮށްފައިވާ އޮންލައިން މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓު ހަމަވަންދެންނެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފިޔަވައްސަށް އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި، މި ފައިނޭންސިންގ މެދުވެރިކޮށް ޒުވާނުން ބޭނުންވާ މަސައްކަތްތައް ފެށުމުގެ ފުރުސަތު ހޯދައިދެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.