ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ހެކްކުރި މައްސަލަ: ފަހަތުގައިވަނީ އުތުރު ކޮރެއާ ކަމަށް އެފްބީއައި އިން ތުހުމަތުކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް ހެކްކޮށް، ތާރީޚުގައިވެސް ހިންގި އެންމެ ބޮޑު ޑިޖިޓަލް ވައްކަމުގެ ފަހަތުގައިވަނީ އުތުރު ކޮރެއާ ކަމަށް އެމެރިކާގެ ތަޙުޤީޤީ އިދާރާ، އެފްބީއައި އިން ރަސްމީކޮށް ތުހުމަތުކޮށްފިއެވެ. މި ބޮޑު ސައިބާ ހަމަލާއާ ގުޅިގެން ވޭތުވެދިޔަ ހުކުރު ދުވަހު ބައިނަލްއަޤްވާމީ ކްރިޕްޓޯ މާކެޓަށް ބޮޑު ލޮޅުމެއް އަރައި، އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.
އެފްބީއައި އިން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު 29 ވީ ބުރާސްފަތި ދުވަހު ބައިނޭންސުން 6.3 ބިލިއަނަށްވުރެ ގިނަ ޔޫއެސް ޑޮލަރުގެ ވާޗުއަލް އެސެޓްސް އަތުލައިގަތް ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާގެ ސަރުކާރުގެ މަދަދުލިބޭ "ޓްރޭޑާޓްރެއިޓާ" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕެކެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް ޕްލެޓްފޯމުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި މަޝްހޫރު ލާޒަރަސް ގްރޫޕްގެ ބައެއް ކަމަށް ބެލެވޭ ރެޑިކަލް ގްރޫޕެކެވެ.
އެފްބީއައިގެ ތަޙުޤީޤުތަކުން އެނގޭގޮތުގައި، ހެކަރުން ވަނީ ވަގަށް ނެގި ފައިސާ ފުރަތަމަ އެތީރިއަމް އަށް ބަދަލުކޮށްފައެވެ. އަދި މި ފައިސާގެ ފިޔަވަޅުތައް ފޮރުވުމަށްޓަކައި ޑިސެންޓްރަލައިޒްޑް ފައިނޭންސް އަދި އިންސްޓަންޓް ސްވޮޕް ޚިދުމަތްތައް ބޭނުންކޮށްގެން އެކި ފިޔަވަހިތަކަށް ބަހާލައިގެން ލޯންޑާ ކުރަމުންދާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެފްބީއައި އިން ވަނީ ހެކަރުން ފައިސާ ލޯންޑާ ކުރަން ބޭނުންކުރާ ޑިޖިޓަލް އެޑްރެސްތަކާއެކު ކުރާ މުއާމަލާތްތައް ވަގުތުން ބްލޮކްކުރުމަށް އަމިއްލަ ސައިބާ ސެކިއުރިޓީ ވިއުގަތަކާއި އެކްސްޗޭންޖްތަކަށް އިލްތިމާސްކޮށްފައެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ދަނީ، އާޓިފިޝަލް އިންޓެލިޖެންސް ގެ ކުރިއެރުމާއެކު ކްރިޕްޓޮގްރަފީ އަދި އައިޓީ ސެކިއުރިޓީއަށް ހުރި ނުރައްކާ ކުރިއަށްވުރެ ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމްތަކަށް ޚަރަދުކުރާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހޯދަނީ މިފަދަ ބޮޑެތި ސައިބާ ވައްކަންތަކުންނެވެ.
ކަސްޓަމަރުންގެ ފައިސާގެ ރައްކާތެރިކަން
މި ހާދިސާއާ ގުޅިގެން ބައިނޭންސް އިން އެކްސް ގައި ހާމަކުރި ގޮތުގައި، ކަސްޓަމަރުންގެ ފައިސާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކުންފުނީގެ އެތެރޭގެ ބަޖެޓުން 6.34 ބިލިއަން ޑޮލަރު މިހާރު ވަނީ ޚާއްޞަކޮށްފައެވެ. އަދި ގެއްލުނު ފައިސާގެ 90 ޕަސެންޓް ޓޯކަންސް ކުންފުނީގެ އަމިއްލަ ފައިސާއިން ގަނެ މިހާރު ވެސް ވަނީ އިއާދަކޮށްފައެވެ. ބާކީ 10 ޕަސެންޓަކީ މާކެޓުގައި ދައުރުވުން މަދު (ލެސް ލިކުއިޑް) ޓޯކަންސްތަކަކަށް ވުމުން، އެ ތަކެތި ގަނެ މާކެޓުން ހަމަކުރަން ކުޑަކޮށް ވަގުތު ނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބައިނޭންސް އިން ބުނީ މި ވައްކަމުގެ މާލީ ގެއްލުން ތަހައްމަލު ކުރާނީ ކުންފުނިން ކަމަށާއި، ކަސްޓަމަރުންގެ އެސެޓްތައް 1:1 ރޭޝިއޯއިން ބެކްކުރެވިފައިވާ ކަން ކަށަވަރުކޮށްދޭ ޕްރޫފް-އޮފް-ރިޒާވްސް ސްނެޕްޝޮޓެއް ވެސް އާންމުކޮށްފައިވާ ކަމަށެވެ. މި ހަމަލާއާ އެކު ވަގުތުން މެދުކަނޑާލި ފައިސާ ނެގުމުގެ ޚިދުމަތްތައް ސެކިއުރިޓީ އޮޑިޓްތަކަށްފަހު މިއަދު (އާދިއްތަ ދުވަހު) އަލުން ހުޅުވާލާނެ ކަމަށް ބައިނޭންސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބޮޑު ހެކްގެ ސަބަބުން މާކެޓަށް އައި ލޮޅުމުގައި ބިޓްކޮއިންގެ އަގު 5 ޕަސެންޓް، އެތީރިއަމް 6 ޕަސެންޓް އަދި ބައިނޭންސްގެ އަމިއްލަ ކޮއިން ކަމަށްވާ ބީއެންބީގެ އަގު ވަނީ 10 ޕަސެންޓަށް ވެއްޓިފައެވެ.
Ads by MACL
