ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް  ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު / ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު / ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޚިދުމަތް ތައާރަފްކުރުމާ ގުޅޭގޮތުން ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނަކުންވެސް ސީދާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި ޚިދުމަތެކެވެ.

މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުގެ ފަރާތުން އެ ވިޔަފާރިއަކަށް ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. އަދި މި އިދާރީ މަސައްކަތްތައް ނިމުމުން، ކަސްޓަމަރުންގެ ބޭންކް އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ލިންކުކޮށްދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި މަޝްރޫއަކީ އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ސީދާ ބޭރު ފައިސާ ލިބޭނެ މަގު ފަހިކޮށްދީ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމެވެ.