އެންޑީއޭއިން ފިލި ފައިރިޝް މާލޭން ހޯދައި އަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ފަރުވާ މަރުކަޒުގައި ފުލުހުންގެ ބެލުމުގެ ދަށުން ބަހައްޓާފައި ވަނިކޮށް ފިލި އަޙްމަދު ފައިރިޝް މާލޭގައި ހުއްޓައި ހޯދައި، އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެންޑީއޭއިން ފިލައިގެން އުޅުނު ފައިރިޝް ހޯދާފައި ވަނީ މިއަދުގެ ވަގުތެއްގައި މާލޭގެ ސަރަހައްދަކުންނެވެ.
ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދިޔައީ މާލޭގައި އޭނާ އާންމުންނަށް އުނދަގޫކުރާ މައްސަލައަށް ހައްލެއް ނުލިބިގެން، ހެންވޭރު ޕޮލިސް ސްޓޭޝަންގައި މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެންނެވެ. އެ ހަޅުތާލު ފެށިތާ 10 ވަރަކަށް ގަޑިއިރު ތެރޭގައި ފައިރިޝް ހައްޔަރުކުރިއިރު، ސައީދު ހަޅުތާލު ނިންމާލީ 35 ގަޑިއިރު ފަހުންނެވެ.
Ads by BMLބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވާން އޮތީ މާދަމާއަށް ކަމަށްވާއިރު، އޭނާ އެންޑީއޭއަށް ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާ ދިނުމަށެވެ.
މި މައްސަލައިގައި ފުލުހުން ކުރިން ބުނެފައި ވަނީ ފައިރިޝްއަކީ ތަކުރާރުކޮށް ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން އަލުން އާންމުންނަށް އުނދަގޫކުރަން ފަށާ މީހެއް ކަމަށެވެ. ނަމަވެސް، އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށްވެސް ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، އާންމުންނަށް އުނދަގޫކޮށް މާރާމާރީ ހިންގާ މީހުންގެ މައްސަލަތައް ވަކިވަކިން ކޯޓަށް ހުށަހަޅައި، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު އެއްކޮށްގެން މަދުވެގެން ހަ އަހަރަށް ޖަލަށް ލެވޭނެ ގާނޫނީ މަގު މިހާރުވެސް ފަހިވެފައިވާ ކަމަށެވެ.
Ads by MACL
