އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި
ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 462 ދޯންޏަކުން 1,354.77 ޓަނުގެ ކަޅުބިލަމަސް ކިރައިގެން 30,007,339 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. މީގެއިތުރުން 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނަށް 30,700 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ އޭގެ ކުރީގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އިތުރުވުމެކެވެ. ސެޕްޓެމްބަރު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 27 މިލިއަން ރުފިޔާއެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގައެވެ. އެ މަހު 4,414 ޓަނުގެ މަސް ކިރައިގެން 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ހަވާލުކޮށްފައެވެ.
Ads by BML
Ads by MACL
