ސާކް ސައިކިއޭޓްރިކް 16 ވަނަ ކޮންފަރެންސް މާލޭގައި ފަށައިފި
ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ދާއިރާގެ މާހިރުންގެ މެދުގައި ޢިލްމީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން މި ނޮވެމްބަރު މަހުގެ 1 އިން 2 އަށް ކުރިއަށްދާ މި މުހިންމު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ކޮންފަރެންސަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުންނާއި، ދުޅަހެޔޮކަމުގެ ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ދިރާސާވެރިން އެއްތަނަކަށް ޖަމާވެ، ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ނަފްސާނީ ޞިއްޙަތަށް އަންނަމުންދާ އައު ބަދަލުތަކަށް އަހުލުވެރިވެ، ހެކީގެ މައްޗަށް ބިނާވެފައިވާ އޯގާތެރި ފަރުވާގެ ނިޒާމެއް ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމެވެ.
Ads by BMLދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގެ ތެރޭގައި ކީނޯޓް ދަރުސްތަކާއި ސިމްޕޯޒިއަމްތަކުގެ އިތުރުން ތަފާތު ދިރާސީ ކަރުދާސްތައް ހުށަހެޅުން ކުރިއަށްދާނެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުމާއި، ސްކޫލް މާޙައުލުގައި ދެވޭ ނަފްސާނީ އެހީތެރިކަމުގެ އިތުރުން "ޖެނެރޭޝަން ޒެޑް" އަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަހު ބޭއްވި "އެވިޑެންސް، އެމްޕަތީ އެންޑް އިކުއިޓީ އިން މެންޓަލް ހެލްތު ކެއާ އިން ދަ ސާކް ރީޖަން" ސިމްޕޯޒިއަމްގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއިން ބައިވެރިވިއެވެ. މި ސެޝަންގައި ރާއްޖޭގެ ފަރާތުން ކަރުދާސް ހުށަހަޅުއްވައިދެއްވީ ޑރ. ޢާރިފް މުޙައްމަދު އަދި ޑރ. ޢަބްދުﷲ ނާޡިމެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި ހުރި ނުރަނގަޅު ވިސްނުންތައް ނައްތާލުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ދެވަނަ ދުވަހުގެ ސެޝަންތަކުގައި ނަފްސާނީ ބަލިތަކަށް ދެވޭ ޒަމާނީ ފަރުވާގެ ގޮތްތަކާއި، r-TMS ގެ ޚިދުމަތާއި، މާބަނޑު ދުވަސްވަރު ދެވޭ ބޭސްތަކުގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް ކުރިމަތިވާ ޑިޕްރެޝަން އަދި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރުތަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައިނަލްއަޤްވާމީ ކޮންފަރެންސް ނިންމާލުމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުއެވެ.
Ads by MACL
