ހޯމް ސްކޫލިން ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
ޖިސްމާނީ އާއި ނަފްސާނީ އެކި ހާލަތްތަކުގެ ސަބަބުން ސްކޫލަށް ނުދެވޭ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ފަހިކުރުމަށްޓަކައި ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު އިތުރު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ގޭގައި ތިބެގެން ކިޔެވުމުގެ ނުވަތަ "ހޯމް ސްކޫލިން" ގެ ފުރުސަތު ދެވޭނީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ މައްސަލައެއް ހުރުމުގެ އިތުރުން ހާއްސަ ހާލަތްތައް މެދުވެރިވާ ދަރިވަރުންނަށެވެ.
Ads by BMLމި ފުރުސަތު ދިނުމަށް ނިންމާފައިވަނީ ރަސްމީ ތައުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންގެ ތެރެއިން، ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމުގެ މާލީ ތަނަވަސްކަން ހުރި ބެލެނިވެރިންގެ ކުދިންނަށް އެކަން ކަށަވަރުކުރުމަށްފަހުގައެވެ.
އޭގެ އިތުރުން، ސިއްހީ ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ހޯމް ސްކޫލިންގެ ދަށުންވެސް ކިޔަވައިދެވޭނެ ހާލަތެއް ނެތް ކުދިންނަށް ރަސްމީ ތައުލީމު ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް ގާނޫނު ބަދަލުކުރުންވެސް މި ބިލުގައި ހިމެނެއެވެ.
މި އިސްލާހު ގާނޫނަކަށް ވުމުން ހޯމް ސްކޫލިންއަށް ކުދިން ކަނޑައެޅުމުގެ އެސެސްމެންޓްތައް ހެދުމާއި، ކިޔަވައިދޭނެ ޕްލޭންތައް އެކުލަވައިލުމާއި، ޓީޗަރުންގެ ޝަރުތުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.
މި ނިޒާމުގެ ދަށުން ކިޔަވަމުންދާ ގޮތް މޮނިޓާކޮށް ބަލަހައްޓާނެ އުސޫލުތައް އެކުލަވައިލުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، މިއީ ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ގިނަ ބެލެނިވެރިން ކުރަމުން އައި އުއްމީދުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
Ads by MACL
