ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއާއި، ވަޒީރު ޝަހީމްއާއި ގުޅުވައި އިދިކޮޅުން ދައްކަނީ ދޮގު ވާހަކައެއް!

ވަޒީރު ޝަހީމް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ އޮފީސް
ވަޒީރު ޝަހީމް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ އޮފީސް

ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ސަރުކާރުގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށާއި، އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ހާމަވެއްޖެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން "އިތުބާރު ހުރި މަސްދަރުތަކާ" ހަވާލާދީ، ވަޒީރު ޝަހީމް މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އަޑުތައް ފަތުރާފައިވަނީ ސަރުކާރުގެ ބަދަހިކަން ގެއްލުވާލައި ފިތުނަ އުފެއްދުމުގެ ބޭނުމުގައެވެ. ނަމަވެސް، މިފަދަ އެއްވެސް ނިންމެވުމެއް ވަޒީރު ނިންމަވާފައި ނުވާކަމާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ދޮގު ޕްރޮޕަގަންޑާއެއްކަން ވަނީ ސާފުވެފައެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްދާ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ރެފަރެންޑަމްއަކަށް ގޮވާލައި އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު ދެމުންދާއިރު، ސަރުކާރުގެ ކެބިނެޓް އޮތީ ބަދަހިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަޞައްވުރާ އެކީގައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ ވަޒީރުންނަށް އަމާޒުކޮށް މިފަދަ ދޮގު ޚަބަރުތައް ފަތުރަމުންދަނީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ލިބެން އޮތް ބޮޑު މަންފާއަށް ހުރަސްއަޅައި، ސިޔާސީ ގޮތުން ސަރުކާރު ބަލިކަށިކޮށްލުމަށް ކުރާ ބޭކާރު މަސައްކަތްތަކެއްގެ ގޮތުގައެވެ.