ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގެ 3 ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

މާލޭގެ 3 ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 111 ގުރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނިމުނު އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން މާލޭގެ ތިން ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މީހަކާއި ތ. ތިމަރަފުއްޓަށް ނިސްބަތްވާ ތިން މީހެކެވެ. އެއީ މާލެ، މ. ޕިންކްލައިޓް ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި، ޢަލީއާބާދު އަޙްމަދު މުޙައްމަދު (38އ) އާއި، އެ ރަށު މާލޭގެއާގެ އަޒުހަދު ޢަލީމަނިކު (41އ) އަދި އެ ރަށު ވިލާ، އާމިނަތު ނިސާ (41އ) އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.