ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗައިނާގެ ބައިނަލްއަޤްވާމީ މުބާރާތުގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު ފުރައިފި

ޗައިނާގެ ބައިނަލްއަޤްވާމީ މުބާރާތުގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު ފުރައިފި

ޗައިނާގެ އިންޗުއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ އިންޓަރނޭޝަނަލް ފުޓްސަލް ޓޯނަމަންޓް" ގައި ވާދަކުރުމުގެ މުހިންމު ދަތުރުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިއަދު މެންދުރުފަހު ވަނީ ޗައިނާއަށް ފުރާފައެވެ.

މި މަހުގެ 4 އިން 9 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މުބާރާތް ބާއްވާ ޗައިނާގެ އިތުރުން ދެކުނު ކޮރެއާ އަދި ހޮންގް ކޮންގެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 5 ވަނަ ދުވަހު ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އެއަށްފަހު ދެވަނަ މެޗުގައި 7 ވަނަ ދުވަހު ހޮންގް ކޮންގާ ދެކޮޅަށް ކުޅުމަށްފަހު، މުބާރާތުގެ ފަހު މެޗުގައި މި މަހުގެ 9 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ޗައިނާއާ ދެކޮޅަށެވެ.

މި ފަހަރުގެ މުބާރާތަށް ނެގި ގައުމީ ސްކޮޑަށް ބަލާއިރު، އެންމެ ފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިންތަކެއް މި ސްކޮޑުގައި ނުހިމެނެއެވެ. އޭގެ ތެރޭގައި ހުސައިން ޝަރީފް (އޮންލީ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ޢަބްދުﷲ ޖުނައިދު (ޖޭންނެ)، އިބްރާހީމް ނާޖިހު އަދި ޢަލީ ހައިޝަމް (ޗުމްޕު) ހިމެނެއެވެ.

މީގެ ބަދަލުގައި ސްކޮޑުން އަލަށް ޖާގަ ހޯދާފައިވަނީ ސާމިން މުޙައްމަދު ނަސީރު (ސާންކޮ)، ފައްޔާޒް ފަޔާޒް (ފައިއްޓެ)، ޝަނާން ރަޝާދު، ސާދު މުޙައްމަދު ނިޒާރު އަދި އިސްމާޢީލް ވަޖީހު (ވައްޖެ) އެވެ. މީގެ ތެރެއިން ވައްޖެއަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުން ޗައިނާ ކޭމްޕަށްފަހު ޖާގަ ގެއްލުނު ކުޅުންތެރިއެކެވެ.

ގައުމީ ޓީމަށް މި މުބާރާތުގައިވެސް އިރުޝާދު ދޭނީ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒަކީރޯވްއެވެ. ރާއްޖޭގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ބައިވެރިނުވި ނަމަވެސް، ކޯޗު ޒަކީރޯވް ސީދާ ޗައިނާއިން ގައުމީ ޓީމާ ގުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭޝިއާގެ ފުޓްސަލްގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ގައުމީ ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭ މުހިންމު ފުރުސަތެކެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ހޮންގް ކޮންގު ފިޔަވައި ޗައިނާއާއި ދެކުނު ކޮރެއާއަކީ ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެއަށްވުރެ ކުރީގައި އުޅޭ ދެ ގައުމެވެ.