ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޯލްޑިވިއަންގެ ފްލީޓަށް ކިންގް އެއާ 360 އިތުރުކޮށް، ލަގްޒަރީ ދަތުރުތައް ފަށަނީ

ކެޕްޝަން: މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް އިތުރުކުރި 'ކިންގް އެއާ 360' މަރުކާގެ ލަގްޒަރީ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ ----- ފޮޓޯ ކްރެޑިޓް: މޯލްޑިވިއަން
ކެޕްޝަން: މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް އިތުރުކުރި 'ކިންގް އެއާ 360' މަރުކާގެ ލަގްޒަރީ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަނީ ----- ފޮޓޯ ކްރެޑިޓް: މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، ލަގްޒަރީ ދަތުރުތަކުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މޯލްޑިވިއަނުން މިފަދަ މަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސްއާ ގުޅިގެންނެވެ. މި ބޯޓު ފްލީޓަށް އިތުރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރޭގަނޑު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ސީޕްލޭންގެ ޚިދުމަތް ނުލިބޭ ވަގުތުތަކުގައި، ލަގްޒަރީ ޓޫރިޒަމަށް ޚާއްޞަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް ބޮޑު ޑިމާންޑެއް އޮންނަ ކަމެއް ކަމަށެވެ. އަދި މި އައު ބޯޓާއެކު ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ކުރާ ދަތުރުތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ބޯޓަކީ ޖުމްލަ 8 ފަސިންޖަރުންގެ ޖާގައާއެކު، ވިޔަފާރި އަދި ލަގްޒަރީ ދަތުރުތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ބޯޓެކެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި, މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ "ނިލާ ކޮރަލް އައިލެންޑް" އަށް ކުރާ އެއާ ޓްރާންސްފާ ދަތުރުތަކަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކުރާ ޗާޓަރު ދަތުރުތަކަށްވެސް މި ބޯޓު އާންމުންނަށާއި، ކުންފުނިތަކަށާއި ޖަމްއިއްޔާތަކަށް ލިބެން ހުންނާނެއެވެ.
ދެ އިންޖީނުލީ މި ޓާބޯޕްރޮޕް މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، ހިތްފަސޭހަ ކެބިންގެ ސަބަބުން މަގުބޫލު ބޯޓެކެވެ. މި ޚިދުމަތުގެ ސަބަބުން ދަތުރުވެރިން ޓްރާންސިޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

މި ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި އޮޕަރޭޓްކުރާ ބޯޓުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. އޭގެ ތެރޭގައި އެއާބަސްގެ 2 ބޯޓާއި، އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8 ގެ 7 ބޯޓުގެ އިތުރުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ 11 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ.