ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި

ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ރޯޓައިމް ކުންފުންޏާ ހަވާލުކޮށްފި

ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ލޮޖިސްޓިކްސް ވަސީލަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކަޅުތުއްކަލާ ކޮށީގައި 15 ފަންގިފިލާގެ ބިނާއެއް އަޅައިދޭނެ ފަރާތެއްގެ ގޮތުގައި ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ހަމަޖައްސައި، އެ ކުންފުންޏާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ހަވާލުކުރި މި މަޝްރޫޢަކީ، ސިފައިންގެ ތާރީޚުގައިވެސް ކުރިއަށްގެންދެވޭ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މިއީ ސިފައިންގެ އެކޮމޮޑޭޝަނާއި އޮޕަރޭޝަނަލް ވަސީލަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން އަމަލީގޮތުން ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ފާތިމަތު މިޒްނާ ޢަލީއެވެ. އަދި ކޮންޓްރެކްޓަރު ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޖޯ ވޭދޯންއެވެ.

ބަންޑާރަކޮށީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދެވެ. މީގެއިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ދިފާޢީ ވުޒާރާއާއި ކޮންޓްރެކްޓަރު ކުންފުނީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.