ނަސްރުގެ ދުވަހުގެ ރަސްމިއްޔާތު ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭގައި ބޭއްވި މި އިއްޒަތްތެރި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެ ސަރަހައްދުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
https://twitter.com/presidencymv/status/2117440393243713579
Ads by BML1988 ނޮވެންބަރު 3 ގައި ދިވެހިރާއްޖޭގެ އިއްޒަތާއި ގައުމީ މިނިވަންކަން ދިފާއުކުރުމުގައި ޝަހީދުވި މަތިވެރި ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ އިތުރުން ސިފައިންގެ ހާއްސަ ލަވަޔާއި ދުއާ ކުރުން އޮތެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ފަތިހު ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުންނެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވި އެ ނަމާދުގައި، ގައުމަށް ނަސްރާއި ނަސީބު މިންވަރުކޮށްދެއްވިކަމަށްޓަކައި ﷲ ތައާލާއަށް ޝުކުރު ދަންނަވައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުއާކޮށްފައިވެއެވެ.
Ads by MACL
