ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަސްރުގެ ދުވަހު ލިބިގަންނަންވީ ފިލާވަޅަކީ ގައުމު އިސްކުރުން: ޑިފެންސް މިނިސްޓަރު

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ---- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ---- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކު ވެސް ލިބިގަންނަންވީ ފިލާވަޅަކީ ގައުމު އިސްކުރުމުގެ މަތިވެރި ފިލާވަޅު ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު 3، 1988 ވަނަ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހެއް ކަމަށެވެ. އެ ދުވަހު ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ދިން އެ ހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ދުވަހު ދުޝްމަނުންގެ ރަހުމެއްނެތް ހަމަލާތަކުން ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލިކަން ފާހަގަކުރައްވައި ހަސަން ރަޝީދު ވިދާޅުވީ ނަސްރުގެ ދުވަހު ޝަހީދުވި ސިފައިން ދަސްކޮށްދިނީ ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށެވެ.

"ނަސްރުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު. އެ ދުވަހު ދީނާއި ގައުމަށްޓަކައި ޝަހީދުވެ ދިޔަ ހިތްވަރުގަދަ ސިފައިން ދައްކައިދިނީ އެކަން. އެ ބޭފުޅުން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު. އެބޭފުޅުންނަށްޓަކައި ތާއަބަދު މި ގައުމު ފަހުރުވެރިވާނެ،" ހަސަން ރަޝީދު ވިދާޅުވިއެވެ.

ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ އެކިއެކި ނުބައި ރޭވުންތަކުން ރާއްޖެ ސަލާމަތް ކުރުމުގައި، ކޮންމެ ދިވެހި ރައްޔިތަކީ ވެސް އެއްބައިވަންތަކަމާއެކު ސާބިތުވެ ހުންނަ ފަރުދަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ، މާތްވެގެންވާ އިސްލާމްދީނަށާއި މި ލޮބުވެތި ވަތަނަށްޓަކައި ކޮންމެ ހިތެއްގައި ވެސް އޮންނަ ލޯތްބާއި ގައުމީ ޖޯޝު އަބަދުމެ ވަރުގަދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހި ގައުމަށް ލިބުނު މަތިވެރި ނަސްރުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.

އެ ދުވަހަކީ ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް އާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމަށް ލިބުނު ނަސްރަށެވެ. އެ ހަމަލަގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ބޭފުޅެކެވެ.