ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 30 ދުވަހަށް ބަންދުކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު --- ފޮޓޯ: އެމްޑީޕީ އޮފީސް
ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު --- ފޮޓޯ: އެމްޑީޕީ އޮފީސް

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ. ރޭގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ހައްޔަރުކުރުމަށްފަހު، މިހާރު އޭނާ ބަހައްޓާފައިވަނީ ފުލުހުންގެ ބަންދު މަރުކަޒެއް ކަމަށްވާ ދޫނިދޫގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމުގެ ކުރިން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ޝަހުސިއްޔަތު ކަތިލުމަށް ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައާއި ބައިނަލްއަޤްވާމީ މައިދާނުގައި، އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދަކީ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.