ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޞްރުގެ ދުވަހަކީ ދިވެހިންގެ ސިޔާދަތާއި ޤައުމީ ލޯބި ސާބިތުކޮށްދިން ދުވަހެއް: މައުމޫން

ނަޞްރުގެ ދުވަހަކީ ދިވެހިންގެ ސިޔާދަތާއި ޤައުމީ ލޯބި ސާބިތުކޮށްދިން ދުވަހެއް: މައުމޫން

ނަޞްރުގެ ދުވަހަކީ ދިވެހިރައްޔިތުންގެ ހިތްވަރާއި ފަންވަރު މުޅި ދުނިޔެއަށް ހާމަވެ، ޤައުމީ ލޯބި އެންމެ ފުރިހަމައަށް ރަމްޒުކޮށްދިން ތާރީޚީ ދުވަހެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އިޖުތިމާޢީ މީޑިއާ މަންސަ 'އެކްސް' ގައި ޙިއްޞާކުރެއްވި މެސެޖެއްގައި މައުމޫން ވިދާޅުވީ، މިއަދަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ދެއްކެވި ސާބިތުކަން ފެނިގެންދިޔަ ފަޚުރުވެރި ދުވަހެއް ކަމަށެވެ. އަދި މީގެ 38 އަހަރު ކުރިން ދިވެހިން ސާބިތުކޮށްދިން މި ޙަޤީޤަތާއެކު، ދިވެހިރާއްޖެ އަބަދަށްޓަކައި ފުރިހަމަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން މައުމޫން ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެންބަރު 1988 ގައި ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ كުލީ ސިފައިންނާއި ދިވެހި ޚާއިނުން ގުޅިގެން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާ، ދިވެހި ސިފައިން މާތް ﷲ ގެ ހެޔޮ ރަޙްމަތާއެކު ނާކާމިޔާބުކޮށްލި ކާމިޔާބީގެ ހަނދާނުގައެވެ. އެ ނުރައްކާތެރި ޙަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

އެ ދުވަހު ކުރިމަތިވި ކާރިސާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޙައިޘިއްޔަތުން މައުމޫން ވަނީ ޢަސްކަރިއްޔާގެ އިސް ވެރިންނާއެކު ޙިކުމަތްތެރި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

އެގޮތުން ޤައުމުގެ ދިފާޢުގައި އަވަސް މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން، އެކުވެރި ޤައުމުތަކުގެ ޢަސްކަރީ އެހީތެރިކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ.