ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ގާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ފުރުސަތަށް ހުރަސްއަޅުއްވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެމްޑީޕީން މަޖިލީހަށް ފޮނުވި މައްސަލައިގައި ބުނެފައިވަނީ، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށެވެ.
އަދި ގައުމުގެ މާލީ ހާލަތު ދަތި އަދި ނާޒުކު ފިޔަވަޅެއްގައި އޮތްއިރު، ރާއްޖޭން ބޭރުގައި ބޭއްވި ތަފާތު އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއްކޮށް ވަސީލަތްތައް ނުބައްދަލު ގޮތެއްގައި ބޭނުންކޮށްފައިވާ ކަމަށްވެސް އެމްޑީޕީގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
Ads by BML
Ads by MACL
