ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި 5 ބޭފުޅަކަށް ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާއުކުރުމުގައި ލާމަސީލު ނަމޫނާއެއް ދެއްކެވި 5 ބޭފުޅަކަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފިއެވެ.
މި ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އަރުވާފައިވަނީ މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ޝަރަފުގެ އައްޑަނަ އެރުވި ފަސް ބޭފުޅުންނަކީ އުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް، ރެކީ ޕެޓްރޯލަށް ޖެހިލުމެއްނެތި ނުކުމެވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅުންނެވެ.
ޝަރަފުގެ އައްޑަނަ އެރުވުނު ބޭފުޅުން:
• ސާރޖަންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) އިބްރާހިމް ޝަރީފް: 1981 އިން 2012 އަށް ސިފައިންގޭގައި ޚިދުމަތް ކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ.
• ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ: ފައިމަގުގައި ނުކުތް ރެކީ ޕެޓްރޯލް ޓީމެއްގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 40 އަހަރު ސިފައިންގޭގައި ޚިދުމަތް ކުރައްވާފައެވެ.
• ސާރޖަންޓް ޙުސައިން މަނިކު: 1979 އިން 1998 އަށް ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
• ކޯޕްރަލް އަބްދުﷲ ނަސީމް: ޓާސްކް ފޯސް ޓްރެއިނިން ހައްދަވައިގެން ހުންނަވައި، ދުޝްމަނުންގެ ހަމަލާތަކާއެކު ހަތިޔާރު ނަންގަވައި ސިފައިންގެ ދިފާއުގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ.
• ލާންސް ކޯޕްރަލް އަބްދުﷲ މުފީދު: ނޮވެމްބަރު 3 ގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ނިކުމެވަޑައިގެންނެވި ހިތްވަރުގަދަ ސިފައިންގެ ބޭފުޅެކެވެ.
Ads by BMLމި ޝަރަފުގެ އައްޑަނަތަކުގެ އިތުރުން، މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޤައުމީ ލަވަ އަލްބަމެއް ނެރެދެއްވާފައެވެ. ޖަލްސާގެ ތެރެއިން މި އަލްބަމްގެ ބައެއް ލަވަތައް ވަނީ އިއްވާލާފައެވެ.
Ads by MACL
