ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޮވެމްބަރު 3 ގެ ޢިބުރަތުން ދަރަނީގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސް

ނޮވެމްބަރު 3 ގެ ޢިބުރަތުން ދަރަނީގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސް

1988 ނޮވެންބަރު 3 ގައި ދިވެހިން ނުކުމެ ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަޚުރުވެރި ނަޞްރުގެ دުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމެއްގައި އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ އެހެން ފަރާތްތަކަށް ސަލާންޖަހަން ނުޖެހޭ ފަދަ އިޤްތިޞާދީ މިނިވަންކަމެއް ލިބިގެން ކަމަށެވެ.

އަމިއްލަ ފުދުންތެރިކަން ނެތި ދަރަނިވެރިވެއްޖެ ހާލަތެއްގައި އަބަދުވެސް ތިބެންޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ވަކި ފަރުދަކަށް ވިޔަސް އަދި މުޅި ޤައުމަކަށް ވިޔަސް އެހެން ބައެއްގެ ނުފޫޒުން އެއްކިބާވެގަނެވޭނީ މާލީ އަދި އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވިގެން ކަމަށެވެ.

ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތީ ނުރައްކާތެރި އަނދަވަޅެއްގައި ކަން ފާހަގަކުރައްވަމުން، ފައިސާ ޗާޕުކުރުން ހުއްޓާލުމާއި ނަގާފައިވާ ދަރަނިތައް ދައްކަން ފެށުމާއެކު ރާއްޖެ ބަނގުރޫޓުވުމުގެ ބިރުން ސަލާމަތްކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ރާއްޖެއަށް ލިބެން ފަށާފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ޒާތީ އަރާރުންތަކުގެ ކުރިއަށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.