ހަމާސްއިން އިސްރާއީލުގެ 3 އަސީރުން މިނިވަންކޮށްފި
ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައި ތިބި އިޒްރާއީލްގެ އަސީރުންގެ ތެރެއިން ތިން އަސީރަކު މިނިވަން ކޮށްފިއެވެ. މިނިވަން ކޮށްފައި ވަނީ އިޒްރާއީލްގެ ތިން އަންހެނެކެވެ. މިތިން މީހުންނަކީ ވެސް އިޒްރާއީލްގެ ތާރީހްގައި އެގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 07 ވަނަ ދުވަހު ހަމާސް އިން ދީ އެދުވަހު ރަހީނު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.
ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން މިއަދު މިނިވަން ކުރި ތިން އަންހެނުން ހަމާސް އިން ހަވާލު ކުރީ އިންޓަނޭޝަނަލް ކޮމެޓީ އޮފް ދި ރެޑްކްރޮސްގެ މަންދޫބުންނާއި އެވެ. ޣައްޒާގެ އެތެރޭގައި ގިނަ އަދަދެއްގެ އާއްމުންނާއި ހަމާސްގެ މުޖާހިދުން އެއްވެފައިވާ ސަރަހައްދަކަށް ރެޑްކްރޮސްގެ ވެހިކަލް ދިއުމުން އަސީރުން ވެހިކަލަށް އެރުވުމުން ވެހިކަލް ވަނީ ޣައްޒާ އާއި އިޒްރާއީލްގެ ބޯޑަރު ސަރަހައްދަށް ގޮސް އިޒްރާއީލް ސިފައިންނާއި އަސީރުން ހަވާލު ކޮށްފައެވެ. މިހާރު ތިން އަންހެނުން ވެސް ވަނީ މެޑިކަލް ޗެކަޕްތައް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހަމަލާތައް މެދުކަނޑާލުމަށާއި އަސީރުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތާއި އިޒްރާއީލާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަދު އިޒްރާއީލްގެ ޖަލުތަކުން ވެސް 90 މީހުން މިނިވަން ކުރަން ޖެހެއެވެ. އޭގެތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު މިނިވަން ކުރާ ފަލަސްތީންގެ އަންހެނުންނާއި ކުޑަކުދިންނާއި ހަވާލުވުމަށް އިންޓަނޭޝަނަލް ކޮމެޓީ އޮފް ދި ރެޑްކްރޮސްގެ މަންދޫބުން މިހާރު ވަނީ އިޒްރާއީލްގެ ޖަލަށް ވަދެފައެވެ. ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފަލަސްތީންގެ 90 މީހުން މިނިވަން ވާނެއެވެ.
ހަމަލާތައް މެދުކަނޑާލުމަށްފަހު ތިން ފިޔަވައްސަކަށް ބަހާލައިގެން އަސީރުން މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ. ދެވަނަ މަރުހަލާގައި އަސީރުން މިނިވަން ކުރުމަށް އެއްބަސްވެފައި ވަނީ 16 ދުވަސް ފަހުންނެވެ. ނަމަވެސް އިޒްރާއީލްގެ ރައްޔިތުން އަންނަނީ ދެހަފްތާ ދުވަސް މަޑުނުކޮށް މިހާރުން މިހާރަށް ދެވަނަ މަރުހަލާގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދަން އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލަމުންނެވެ.
Ads by MACL
