ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ރޯވި ސޯޝަލް ހައުސިން ފްލެޓްގައި ދިރިއުޅެނީ ބިދޭސީން

ހުޅުމާލޭގައި ރޯވި ސޯޝަލް ހައުސިން ފްލެޓްގައި ދިރިއުޅެނީ ބިދޭސީން
ހުޅުމާލޭގައި ރޯވި ސޯޝަލް ހައުސިން ފްލެޓްގައި ދިރިއުޅެނީ ބިދޭސީން

އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ ފްލެޓެއްގައި މިއަދު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ފްލެޓްގައި ދިރިއުޅެނީ 11 ބިދޭސީން ކަމަށެވެ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ބޮޑު ކުލީގައި މާލޭގައި އުޅެން ދަތިވެގެން ހެޔޮ އަގުގައި ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ދިނުމުގެ މަގްސަދާ ވެސް ޚިލާފު ކަމެކެވެ.

މިއަދު ހެނދުނު އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި، އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ ތިންވަނަ ބުރީގައެވެ. އަލިފާން ރޯވިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގިއިރު، އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށެވެ. އެ ހާދިސާގައި އެ ފްލެޓްގެ އެއް އެޕާޓްމަންޓް ވަނީ މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ފްލެޓްގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.