އިގްތިސާދީ ނާޒުކު ހާލަތުގައިވެސް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ މިންވަރު ކުރީ ސަރުކާރަށްވުރެ 80 އިންސައްތަ އިތުރު: ސައީދު
ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ނާޒުކު ހާލަތުގައިވެސް ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ މިންވަރު ކުރީ ސަރުކާރަށްވުރެ 80 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން ޑޮލަރު ދޫނުކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށާއި، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބީއެމްއެލް މެދުވެރިކޮށް 1.94 ބިލިއަން (1,942.45 މިލިއަން) އެމެރިކާ ޑޮލަރު 15.42 ރުފިޔާގެ ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ކަމަށެވެ.
މި ފައިސާއަކީ ވިޔަފާރިތަކުގެ ޓީޓީއާއި، އާންމުންގެ ބޭންކު ކާޑުތަކުގެ އިތުރުން ތައުލީމާއި ބޭސްފަރުވާ އަދި ހައްޖާއި އުމްރާ ފަދަ ޒަރޫރީ ބޭނުންތަކަށް ދޫކުރެވުނު ފައިސާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
Ads by BMLއިގްތިސާދީ ވުޒާރާގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ 2024 ވަނަ އަހަރު 486.53 މިލިއަން ޑޮލަރު ދޫކުރިއިރު، 2025 ގައި އެ އަދަދު ވަނީ 733.82 މިލިއަން ޑޮލަރަށް އުފުލިފައެވެ. އަދި ހިނގަމުންދާ 2026 ވަނަ އަހަރުގެ މިހާތަނަށްވެސް 718.53 މިލިއަން ޑޮލަރު ވަނީ ރަސްމީ ރޭޓުގައި ފޯރުކޮށްދީފައެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު (2021 އިން 2023 ގެ ނޮވެމްބަރު 17 އަށް) ރަސްމީ ރޭޓުގައި ދޫކުރެވުނީ ޖުމްލަ 1,075 މިލިއަން ޑޮލަރު ކަމަށާއި، އެއީ މި ސަރުކާރުން އަހަރަކު އެވްރެޖްކޮށް ދޫކުރި މިންވަރަށްވުރެ ބޮޑުތަނުން މަދު އަދަދެއްކަން މިނިސްޓަރު އަޅާބައްލަވައި ދެއްކެވިއެވެ.
ރާއްޖެއަށް ވަންނަ ބޭރު ފައިސާ ގައުމުގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ގެނެވުނު ބަދަލާއެކު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެ، އިގްތިސާދީ ހަމަޖެހުން ގާއިމުކުރެވެމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
Ads by MACL
