މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށް، ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ ނޮވެމްބަރު 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ހަތަރު ދާއިރާއެއްގެ އެވޯޑެވެ.
އޭގެ ތެރޭގައި ހިމެނެނީ މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އަދި އަމަލީ ގޮތުން ކަނޑުމަތީގައި އުޅޭ އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ހޮވާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑެވެ.
Ads by BMLހަމައެއާއެކު، އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން މަސްވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން ދެމިތިބި އެންމެ ތަޖުރިބާކާރު ކެޔޮޅަށް ދޭ އެވޯޑުވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތެރި ފަރުމަހު މަސްވެރިޔާގެ އެވޯޑު ހިމެނެއެވެ.
އަދި އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، އެ ކަމުން އާމްދަނީ ހޯދަމުން އަންނަ އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑުވެސް މިއަހަރު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު މަސްވެރިކަމާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
އަދި ފުރިހަމަކޮށްފައިވާ ފޯމުތައް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.
Ads by MACL
