އިދިކޮޅު އެމްޑީޕީގެ އިތުބާރު ނެތްކަމުގެ ވޯޓުން އިކޮނޮމިކް މިނިސްޓަރު ސައީދު ދިފާއުވެވަޑައިގެންފި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގައި ނެގުނު ވޯޓު ކާމިޔާބު ކުރައްވައި، އޭނާ މަގާމުގައި ދެމިއިރުމަށް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު މި ވޯޓުން މިނިސްޓަރު ސައީދު ދިފާއުވެވަޑައިގަތީ ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
ޖުމްލަ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި ނެގުނު ވޯޓުގައި، މިނިސްޓަރު ސައީދުގެ އިތުބާރު އޮތްކަމަށް 54 މެންބަރަކު ވޯޓު ދެއްވި އިރު، އޭނާގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
Ads by BMLއެމްޑީޕީން މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅުވައިގެންނެވެ. އެގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމުގެ އިތުރުން ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
މަޖިލީހުގެ ތަޅުމުގައި އިދިކޮޅުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު %80 އަށް އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
