ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީއަށް 15 އަހަރު ވެރިކަން ލިބެންޖެހޭ، އޭރުން ޑޮލަރު ރޭޓް ހުންނާނީ 10 ރުފިޔާގައި!

ޕީއެންސީގެ ސަރުކާރަށް 15 އަހަރު ލިބިއްޖެނަމަ ޑޮލަރު 10ރ. އަށް ތިރިވާނެ ކަމަށް ވިދާޅުވެ، ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މަޖިލީހުގައި ވާހަކަދައްކަވަނީ. --- ފޮޓޯ: މަޖިލީހުގެ އިދާރާ
ޕީއެންސީގެ ސަރުކާރަށް 15 އަހަރު ލިބިއްޖެނަމަ ޑޮލަރު 10ރ. އަށް ތިރިވާނެ ކަމަށް ވިދާޅުވެ، ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މަޖިލީހުގައި ވާހަކަދައްކަވަނީ. --- ފޮޓޯ: މަޖިލީހުގެ އިދާރާ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރަށް 10 އަހަރު ނުވަތަ 15 އަހަރު ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ރޭޓް 10 ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

އިގުތިސާދީ ތަރައްގީއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދާންޖެހުނު މައިގަނޑު ސަބަބަކީ ކުރީގެ އެމްޑީޕީ ސަރުކާރުން ގެންގުޅުނު ނުބައި އިގުތިސާދީ ސިޔާސަތުތައް ކަމަށެވެ. އެގޮތުން، ހަމައެއްލަމައެއް ނެތްގޮތަށް ފައިސާ ޗާޕުކުރުމާއި، ދައުލަތަށް ލިބުނު އާމްދަނީ ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެންދިއުމުގެ އިތުރުން، ފައިދާހުރި ކަމެއް ނެތް ގޮތަށް ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މި ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދެމިގެން މިހެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 އަކަށް، 10 ގައި،" މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވިއެވެ.

މި ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ކަނޑައެޅުމަކީ ގާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލާޒިމުކޮށްފައިވާ ކަމެއް ނަމަވެސް، މި ސަރުކާރުން ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ ނިސްބަތް 80 އިންސައްތަ އިތުރުވެ، ޖުމްލަ 1.9 ބިލިއަން ޑޮލަރު ބާޒާރަށް ދޫކޮށްފައިވާނެ ކަމަށް ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.