ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައީދު ވައްޓައެއް ނުލެވުނު، މަޖިލީހުގެ އިތުބާރު ހަމަ ސައްތައިން ސައްތަ!

މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ---- ފޮޓޯ: އެމްޓީސީސީ
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ---- ފޮޓޯ: އެމްޓީސީސީ

މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ މައްޗަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުން އެކަންޏެވެ.

އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މި ގަރާރު މިއަދުގެ ޖަލްސާއަށް ތައާރަފްކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒﺎކިރެވެ. މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން 47 މެންބަރުންގެ ވޯޓު ބޭނުންވާއިރު، ސައީދުގެ އިތުބާރު އޮތްކަމަށް ވެރިކަންކުރާ ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވިއެވެ. މީގެ ތެރޭގައި އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމް ވެސް ހިމެނެއެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މިނިސްޓަރު ސައީދު ގާނޫނުއަސާސީއާ ހިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި އިގުތިސޯދީ ރިފޯމްތައް ގެނައުމުގައި ފެއިލްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓާ ފޯރަމްތަކަށް ބޮޑެތި ހޭދަތަކެއް ކުރިއިރު އޭގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާ ކަމަށް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި މިނިސްޓަރު ސައީދު ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައި ޖަވާބުދާރީވެވަޑައިގެންފައެވެ. ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަކީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ޒިންމާއެއް ކަމަށާއި، މި ސަރުކާރުން ކުރީގެ ސަރުކާރަށްވުރެ 80 އިންސައްތަ އިތުރަށް ބާޒާރަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ހިދުމަތުން އެކަނިވެސް 90.07 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ