ޝާހިދު ބަންދުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ދިވެހި ސަރުކާރުން ހިއްސާކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހި މައްސަލައިގެ މަޢުލޫމާތު، ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކަށާއި ރާއްޖޭގައި ހުންނަ އެމްބަސީތަކާ ރަސްމީކޮށް ހިއްސާކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ބޭރުގެ އިދާރާތަކަށް ފޮނުވި "އިންފޮމޭޝަން ނޯޓު"ގައިވާ ގޮތުން، ޝާހިދު ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކާ މެދު ޖިންސީ ކުށެއް ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަން ވެސް އެ ނޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ނޯޓުގައި ބުނެފައިވެއެވެ.
Ads by BMLއެ ނޯޓުގައި އިތުރަށް ބުނެފައި ވަނީ، ތަޙުޤީޤުގެ މަރުޙަލާއާއި ޝަރުޢީ އިޖުރާއާތުތަކުގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން މާނަކުރުމާއި ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ހިމެނޭހެން، ޤާނޫނުއަސާސީން ލިބިދޭ އެންމެހައި ޙައްޤުތައް ޝާހިދަށް ކަށަވަރުކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ހުއްޓުވުމަށާއި، އަނިޔާލިބޭ ކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ރައްކާތެރިކުރުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އޮތްކަން ފާހަގަކޮށް، މައްސަލައިގައި ޝާމިލުވާ ކުއްޖާގެ ރައްކާތެރިކަމާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ކަމާބެހޭ އިދާރާތަކުން އިސްކަންދޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
Ads by MACL
