ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގޭސް ލިބުމުގެ ދަތިކަމާއެކު ފުޅިތަކަށް ގޭސް އަޅާ މިންވަރު މޯލްޑިވް ގޭހުން މަދުކޮށްފި

ގޭސް ލިބުމުގެ ދަތިކަމާއެކު ފުޅިތަކަށް ގޭސް އަޅާ މިންވަރު މޯލްޑިވް ގޭހުން މަދުކޮށްފި

ބައިނަލްއަޤްވާމީ ބާޒާރުގައި ގޭހުގެ އަގުތަކަށް އައި ބަދަލުތަކާއެކުވެސް އާންމުންނަށް ދެވޭ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވް ގޭހުން ވިއްކާ ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީގޮތުން ކުޑަކޮށްފިއެވެ.

މި ނިންމުމާއެކު އެ ކުންފުނިން ވިއްކާ 10 ކިލޯގެ ގޭސްފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އަޅައިދޭއިރު، 45 ކިލޯގެ ބޮޑެތި ގޭސްފުޅިތަކަށް އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.

ގޭސް އަޅާ މިންވަރު މަދުކުރި ނަމަވެސް، މިއީ ގޭހުގެ އަގު ބޮޑުކުރުން ނޫން ކަމަށާއި، ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ރޭޓުން ފުޅިއަށް އަޅައިދޭ ގޭހުގެ ޙަޤީޤީ ބަރުދަނަށް އެކަނި ކަމަށް މޯލްޑިވް ގޭހުން ކަށަވަރުކޮށްދެއެވެ.

މޯލްޑިވް ގޭހުން ހާމަކުރި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ދޭ ގޭހުގެ ޚިދުމަތް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ލޮޅުންތަކުން ސަލާމަތްވެ، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ޚާއްޞަ މަޝްރޫޢެއް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެއެވެ. އެ މަޝްރޫޢު ނިމުމުން އެއްފަހަރާ ތިން މަސްދުވަހުގެ ގޭސް ރައްކާކޮށްފައި ބެހެއްޓުމުގެ ޤާބިލުކަން ރާއްޖެއަށް ލިބިގެންދާނެއެވެ.