އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް، ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތް ހަދައިފި!
އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ގަވާއިދު ގެޒެޓުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.
މި ގެނެވުނު ހަވަނަ އިސްލާހުގެ ސަބަބުން، ކުރިން ހައްޖު ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރު ފުރިފައިވުމުގެ ސަބަބުން ފައިސާ ބޭނުންނުކުރެވި ތިބި ފަރާތްތަކަށް ބޮޑު ލުޔެއް ލިބި، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް ޕެންޝަން ފައިސާއިން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ މަގު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޝަރުތުހަމަވާނީ:
• މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ މެންބަރުންނަށެވެ.
• ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް ގައި މަދުވެގެން 336,000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަންޖެހެއެވެ.
• ބޯހިޔާވަހިކަމަށް ފައިސާ ރަހުނުކޮށްފައިވާނަމަ، އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336,000 ރުފިޔާ ބާކީ ހުންނަންވާނެއެވެ.
މި އުސޫލުން ހައްޖަށް ދާން އެދޭ ފަރާތްތަކުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. މި ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް ޕެންޝަން ފަންޑުގައި އިންވެސްޓްކުރެވެމުންދާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
Ads by BMLމީގެއިތުރުން، ހައްޖު ބެނެފިޓްގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލުއައުން އެކަށީގެންވެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެއްޖެނަމަ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާވެ، ޕެންޝަން ފައިސާ އަލުން ހިސާބުކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ
Ads by MACL
