ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޮވެމްބަރު 7 އިން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެންނަނީ

ނޮވެމްބަރު 7 އިން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލެއް ގެންނަނީ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމައި، އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފަށާނެކަން މޯލްޑިވް ގޭސް އިން އިއުލާނުކޮށްފިއެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި، ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެނައި ނަމަވެސް، ކަސްޓަމަރުންގެ އަތުން އަގު ނަގަމުންދާނީ ފުޅިއަށް އަޅައިދޭ ގޭހުގެ ވަޒަނަށް ބަލައިގެން، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯއެއްގެ ނިސްބަތުގެ އަގުތަކުގައެވެ. އެހެންކަމުން ގޭސް ކިލޯއަކަށް ޖެހޭ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި ވަގުތީ ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ގޭސް ފޯރުކޮށްދިނުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ދަތިތައް ކުރިމަތިވުން ހުއްޓުވުމަށްޓަކައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫޢު ނިމުމުން އެއްފަހަރާ ތިން މަސްދުވަހުގެ ގޭސް ރައްކާކުރެވޭނެ ކަމަށްވެސް މޯލްޑިވް ގޭހުން ހާމަކޮށްފައިވެއެވެ.