ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިން ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިން ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގައި ކުރިއަރަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއިން ދޫކުރާ ހާއްސަ ތިން ފައިނޭންސިން ފެސިލިޓީއެއްގެ އެންމެ މަތީ ލިމިޓް 10 މިލިއަން ރުފިޔާއަށް އިތުރުކޮށްފިއެވެ. ކުރިން 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުން އައި މި ފެސިލިޓީތަކުގެ ލިމިޓް ބޮޑުކުރީ ވިޔަފާރިތަކުގެ ފައިނޭންސިން ޑިމާންޑްތަކަށް ބަލައި، އެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މި ބަދަލާއެކު ލިމިޓް ބޮޑުކޮށްފައިވަނީ އެސެޓް ފައިނޭންސިންނާއި، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގެ އިތުރުން ވެސެލް ފައިނޭންސިން އަށެވެ. މީގެ ތެރެއިން އެސެޓް ފައިނޭންސިންއަކީ އާ ވިޔަފާރިތަކަށާއި ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދޫކުރާ ފެސިލިޓީއެކެވެ.

ހިނގަމުންދާތާ ދެ އަހަރުވެފައިވާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށާއި، ކެޕިޓަލް އިންވެސްޓްމަންޓްތަކަށާއި، އާ މާކެޓްތަކަށް ވަދެ އާމްދަނީ އިތުރުކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން ހާއްސަކޮށްފައިވާއިރު، ވެސެލް ފައިނޭންސިންގެ ދަށުން އުޅަނދުފަހަރު ގަތުމާއި ބަނުމުގެ އިތުރުން އިންޖީނު އެޅުމުގެ ހިދުމަތް ލިބޭނެއެވެ. މީގެ ތެރޭގައި މަސްވެރި އުޅަނދުތަކުގެ އިތުރުން ޑައިވް ދޯންޏާއި، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންތަކަށް ބޭނުންކުރާ އުޅަނދުތައް ހިމެނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ފައިނޭންސިން ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެ ކުންފުނީގެ އަމާޒަކީ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގައި އެހީތެރިވެދިނުން ކަމަށެވެ. މި ފައިނޭންސިން ފެސިލިޓީތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.