ކުންބުރުދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް!
އދ. ކުންބުރުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ކޮންޓްރެކްޓަރުގެ ފަރާތުން ސައިޓް ތައްޔާރުކުރުމުގެ (ސައިޓް ސެޓަޕް) މަސައްކަތްތައް މިހާރު ބާރުސްޕީޑްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ކުންބުރުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީކުރުމަށް ހިންގާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫއެކެވެ. ސައިޓް މޮބިލައިޒްކޮށް، ސައިޓް ހެދުމުގެ މަސައްކަތްތައް ފެށުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ބަނދަރު ފުންކުރުމާއި ފާރުލުމުގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ރަސްމީ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ ކަމަށެވެ.
ކުންބުރުދޫ ބަނދަރުގެ މަޝްރޫއު ނިމުމުން، ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބި، ރަށަށް ކައިރިކުރާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ބަނދަރުކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
Ads by MACL
