ސިއްޙީ ނުރައްކާތަކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ: ވަޒީރު ޤީލާ
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރޭ މިންވަރު މަތިވަމުންދާތީ، ސިއްޙީ އެކި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި މުޅި މުޖުތަމަޢުގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، ކަސްރަތުކުރުމުގެ އިތުރުން ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ކޮންމެ މީހެއްގެވެސް ދުވަހީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ މިފަދަ ރަނގަޅު އާދަތައް އަށަގަންނުވައިގެން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދު ފެށި މި އެކްސްޕޯއަކީ ސިއްޙީ ދާއިރާގެ އިތުބާރުހުރި މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް މީހުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. އެހެންކަމުން، ސިއްޙީ ދުޅަހެޔޮކަމާ ގުޅޭ މުހިންމު މަޢުލޫމާތު ހޯދުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
Ads by BMLޖުމްލަ 60 އަށްވުރެ ގިނަ ސްޓޯލާއެކު ކުރިއަށްދާ މި އެކްސްޕޯއިން ފެނިގެންދަނީ ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އޮތް ޝައުޤުވެރިކަން ކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.
Ads by MACL
