20 އަހަރު ވަންދެން ވީރާނާވާން ދޫކޮށްލާފައި ހުރި ސިޓީ ހޮޓާ ނިންމަން މި ސަރުކާރަށް ނެގީ އެންމެ އަހަރެއް
ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ފެށި މަޝްރޫޢު ނުނިމި 20 އަހަރު ވުމަށްފަހު، އެ ހޮޓާ އެއްކޮށް ނިންމައި އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
"މަންހަޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހުޅުވާ މި ހޮޓަލަކީ ދައުލަތަށް ނުފޫޒުވެރި އާމްދަނީއެއް ހޯދުމަށް މީގެ 20 އަހަރު ކުރިން، 2006 ވަނަ އަހަރު އެސްޓީއޯއިން ފެށި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އެޗްޑީސީއާއެކު ބިމުގެ އެއްބަސްވުމުގައި 2007 ވަނަ އަހަރު ސޮއިކޮށް، "ރެޑިސަން" ބްރޭންޑުގެ ދަށުން 250 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރަން ފެށި ނަމަވެސް، ފައިސާގެ ދަތިތަކާ ހުރެ އަމަލީ މަސައްކަތް ފެށުނީ 2012 ގައެވެ. ނަމަވެސް، 2014 ވަނަ އަހަރު މަސައްކަތް އެއްކޮށް ހުއްޓާލިއިރު، އެސްޓީއޯއިން ވަނީ 115 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއަށްފަހު، އިމާރާތުގެ ބޮޑުބައި ނިމިފައިވަނިކޮށް އެތަން ގިނަ އަހަރުތަކެއް ވަންދެން ހުރީ ވީރާނާވާން ދޫކޮށްލާފައެވެ.
Ads by BMLއެތައް ސަރުކާރަކުން މި މަޝްރޫޢު ކުރިއަށް ގެންދަން އުޅެ ނާކާމިޔާބުވެފައި ވަނިކޮށް، މިކަމަށް ދާއިމީ ޙައްލެއް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. އެމަނިކުފާނުގެ ނިންމެވުމަކީ އެސްޓީއޯއިން ކުރި ޚަރަދުގެ ބަދަލުގައި އެޗްޑީސީން އެ ކުންފުންޏަށް ދެ ބިން ދިނުމަށްފަހު، ހޮޓަލުގެ އިމާރާތް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމެވެ. އެގޮތުން މިހާރު މި ހޮޓާ ތަރައްޤީކޮށް ހިންގުން ހަވާލުކޮށްފައިވަނީ ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
އަދުގެ ސަރުކާރުން އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލި މި ހޮޓަލުގައި 162 ކޮޓަރިއާއި، ހަފްލާތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ހޯލުތަކުގެ އިތުރުން 4 ރެސްޓޯރެންޓް ހިމެނެއެވެ. މީގެއިތުރުން، ރައީސް ޑރ. މުޢިއްޒުގެ ބައެއް ވަޢުދުފުޅުތައް ފުއްދެވުމަށް ބޭނުންވާ ޖާގަވެސް އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މި އިމާރާތުގައި ވަނީ ތަރައްޤީކޮށްފައެވެ.
މި މަޝްރޫޢު ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންގެ ފައިސާއަށް ލިބުނު ގެއްލުމުގެ ކަންބޮޑުވުން އޮތްއިރު، މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ވެރިކަން ކުރެއްވި ސަރުކާރުތަކުން ޒިންމާވާންޖެހޭނެ ކަމެއް ކަމަށް ގިނބަޔަކު ފާހަގަކުރެއެވެ.
Ads by MACL
